މަގުމަތިން ވެރިކަން ބަދަލުކުރަން ދިވެހިން ވަރަށް މޮޅުވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވެފައިމިވަނީ ދިވެހިންނަކީ އިންތިހާބުކޮށްފައިވާ ސަރުކާރު މަގުމަތިން ވައްޓާލަން ނުކުންނަ ބަޔެއް ގޮތަށް ސިފަކުރުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އެ ވާހަކަތަކާއި ގުޅިގެން އުމަރު ވިދާޅުވީ ދިވެހިންނަކީ ސަރުކާރު ބަދަލުކުރަން ވަރަށް މޮޅު ބައެއް ކަމަށާއި، ދިވެހިންނަކީ ހުކުރު ދުވަހު ހުކުރުން ފައިބައިގެން ގުޅަކުޅޭ ފަސްގަނޑަށް ގޮސް ރަސްގެފާނު ބަދަލުކޮށްފައި ގެއަށްދާ ބައެއް ކަމަށެވެ.
"މިއަދުގެ ޖީލު ހީކުރޭ ބައެއް ފަހަރަށް ދިވެހިންނަކީ މަގުމަތިން ވެރިކަން ބަދަލުކުރާ ބައެއް ނޫނޭ. ދިވެހިން މާ މޮޅުވާނެ އަސްލު މި ކަމަށް،" އުމަރު ވިދާޅުވި އެވެ.
ރާއްޖެ އަކީ ވެރިން ބަދަލުކުރުމުގައި މި ސަރަހައްދުގެ ގައުމުތަކަށް ވުރެ މާ ކުރީގައި އުޅޭ ގައުމެއް ކަމަށާއި ނަމަވެސް މި ސަރުކާރު ބަދަލުކުރަން ޖެހިފައިވާ ކަމަށް އަދި ގަބޫލުނުކުރައްވާ ކަމަށް އުމަރު ވިދާޅުވި އެވެ. ނަމަވެސް މި ސަރުކާރު ދަނީ ނުބައި މަގުން ކަމަށާއި ހަމަ މަގަށް ނާޅުވައިފިނަމަ، ރާއްޖޭގެ މާޒީން މީގެކުރިން ފެނިގެންދިޔަ ކަންކަން ތަކުރާރު ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އުމަރު ވިދާޅުވި އެވެ.
އުމަރު މިހެން ވިދާޅުވި އިރު، އޭނާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހިންގި މަގުމަތީ ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވި ފަރާތެވެ.
ނަޝީދުގެ ވެރިކަން ނިމުނީ އޭރު އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔަ މަގުމަތީ ހަރަކާތުގައި ފުލުހުންނާއި ސިފައިންގެ ބަޔަކު ވެސް ގުޅި ހިނގި ހަމަނުޖެހުންތަކަކަށް ފަހު ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.