Last Updated: July 15, 18:06
Thursday, July 16, 2026
މުނިފޫހިފިލުވުން

'ބިގް ބޮސް 18' ގެ ޓްރޮފީ ހިއްލާލީ ކަރަން

ކަލާސް ޓީވީގެ މަގުބޫލު ޓީވީ ޝޯ "ބިގް ބޮސް" ގެ 18 ވަނަ ސީޒަން މަޝްހޫރު ޓީވީ އެކްޓަރު ކަރަން ވީރް މެހެރާ ކާމިޔާބުކޮށްފި އެވެ.

ރޭ ގެނެސްދިން ކުލަގަދަ އަދި އެހާމެ ފޯރިގަދަ ފިނާލޭގައި އޭނަ ޝޯގެ ޓްރޮފީ އުފުލާލި އިރު، އިނާމަކަށް ފައިސާގެ ގޮތުގައި 50 ލައްކަ ރުޕީސް ލިބުނެވެ. ފާހަގަކޮށްލެވޭ ކަމަކީ ކަރަން "ބިގް ބޮސް 18" ކާމިޔާބުކުރި އިރު، އޭނަވީ އެ ސީޒަން ފެށި ފަހުން ވަރަށް ގިނަ ބައެއްގެ ފެވަރިޓަކަށްކަމެވެ.

އެގޮތުން ޝޯ ބެލި ވަރަށް ގިނަ ބަޔަކު މި ފަހަރުގެ ސީޒަން ސިފަކޮށްފައި ވަނީ "ކަރަން މެހެރާ ޝޯ" ގެ ގޮތުގަ އެވެ. ކަރަން "ބިގް ބޮސް 18" ކާމިޔާބުކޮށްފައި މި ވަނީ ކަލާސް އިން މިދިޔަ އަހަރު ގެނެސްދިން ސްޓަންޓް ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާލީ" ގެ ސީޒަން 14 ވެސް ކާމިޔާބުކޮށްފައި ވަނިކޮށެވެ.

އެހެންވެ ޖެހިޖެހިގެން ވަރުގަދަ ދެ ރިއަލިޓީ ޝޯއެއް ކާމިޔާބުވުން ކަރަން، 47، ސިފަކޮށްފައި ވަނީ ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގަ އެވެ.

ސަލްމާން ޚާން ހޯސްޓްކުރާ "ބިގް ބޮސް" ގެ 18 ވަނަ ސީޒަން ރޭ ނިންމައިލި އިރު، ކަރަންއާ އެކީ ގަދަ ތިނެކަށް ވާދަކުރީ މަޝްހޫރު ޓީވީ އެކްޓަރު ވިވިއަން ޑި ސޭނާ އާއި ރަޖަތު ދަލާލެވެ. އެގޮތުން ވިވިއަން އަކީ ޝޯގެ ދެވަނަ އެވެ.

"ބިގް ބޮސް 18" ރޭ ނިންމައިލި އިރު، މި ޝޯ ކަލާސް ޓީވީ ޕްރީމިއާކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު 6 ގަ އެވެ. މިދިޔަ އަހަރު މި ޝޯގެ 17 ވަނަ ސީޒަން ކާމިޔާބުކުރީ ސްޓޭންޑަޕް ކޮމީޑިއަން މުނައްވަރު ފާރޫގީ އެވެ.