Last Updated: May 6, 17:43
Tuesday, May 6, 2025
ޚަބަރު

އެޗްއާރްސީއެމްގެ ނައިބަކަށް މޫމިނާ ފާސްކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ނައިބު ރައީސްގެ މަގާމަށް އެ ކޮމިޝަނުގެ މެމްބަރު މޫމިނާ ވަހީދު އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

އޭނަގެ ނަން މަޖިލިހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ ދައުރުން ބޭރުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާއަށެވެ. އެ ދުވަހުގެ ޖަލްސާގައި މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް އެ ނަމް ދިރާސާ ކުރަން އެ ފޮނުވި އެވެ.

މައްސަލަ ދިރާސާކުރަން ބުރާސްފަތި ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އިންޓަވިއުއަކާ ނުލައި ނައިބު ރައީސް ކަމަށް މޫމިނާ އައްޔަންކުރުމަށް ފެންނަ ކަމަށް ފާސްކުރަން ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ޒިޔާދު (ފިއްޓެ) އެވެ.

އޭނަގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ދާންދޫ ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު މުހައްމަދު ފަޒީލް އެވެ.

އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަގާމަށް މޫމިނާ އައްޔަންކުރަން ކޮމިޓީން ފާސްކޮށްފައި ވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

މިއަދު ބޭއްވި ޖަލްސާގައި ވަނީ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު އިއްވާފަ އެވެ. ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ތަޅުމަށް އިއްވައިދެއްވީ އެ ކޮމިޓީގެ ނައިބު މުގައްރިރު ކުޑަހުވަދޫ ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު ހުސައިން ހަމީދެވެ.

މޫމިނާ މަގާމަށް އައްޔަން ކުރަން އައްޔަންކުރަން ފެންނަ ކަމަށް ދައުރުން ބޭރުން މިއަދު ކުރިއަށް ގެންދާ ދެވަނަ ޖަލްސާގައި ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެމްބަރުންގެ އިއްތިފާގުންނެވެ.

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް މޫމިނާ އައްޔަންކުތީ ސެޕްޓެމްބަރު 8، 2020 ގަ އެވެ.

އޭނަ އަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަޓައިޒޭޝަންއިން މާސްޓާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މޫމިނާ ކުރިން އިކޮނޮމިކް މިނިސްޓްރީގެ ކޮންސަލްޓަންޓެއްގެ މަގާމުގެ އިތުރުންން ޓްރީޓޮޕް ހޮސްޕިޓަލުގެ އެޗްއާރް މެނޭޖަރުގެ މަގާމު ވެސް އަދާކުރެއްވި އެވެ.

އެޗްއާރުސީއެމްގެ މެމްބަރަކަށް ވެވަޑައިގެންނެވުމުގެ ކުރިން އެ ކޮމިޝަނުގެ އެސިސްޓެންޓް ރިސާޗް އޮފިސަރުގެ މަގާމާއި ޕްލޭނިން އޮފިސަރުގެ މަގާމުގެ އިޔުރުން ކޯޕަރޭޓް އެފެއާޒް ޑިޕާޓްމެންޓުގެ ޑިރެކްޓަރުގެ މަގާމު ވެސް މޫމިނާ އަދާކުރެއްވި އެވެ.

އެޗްއާރުސީއެމަށް ނައިބު ރައީސްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އަދުހަމް އަބްދުﷲ އިސްތިއުފާ ދެއްވުމުންނެވެ.

އެޗްއާރުސީއެމްގެ ރައީސަކީ މަރްޔަމް މުނާ އެވެ. މުއުމިނާގެ އިތުރުން ކޮމިޝަނުގެ މެމްބަރުންނަކީ އިސްމާއީލް ހަބީބާއި އައިމިނަތު ޝިފާއަތު އަބްދުއްރައްޒާގުގެ އިތުރުން ސަމާއު އަހުމަދު ނަޖީބެވެ.