ބޮލީވުޑްގެ މަޝްހޫރު ތަރި، އަކްޝޭ ކުމާރުގެ ފުރަތަމަ ތެލެގޫ ފިލްމު "ކަނައްޕާ" ގައި އޭނަ ފެންނާނެ ގޮތުގެ ޕޯސްޓަރެއް މިއަދު ދައްކާލައިފި އެެވެ.
މި ޕޯސްޓަރު އަލްޝޭ އޭނަގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ.
ޝޫޓިން ނިންމައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް "ކަނައްޕާ" ގައި އަކްޝޭ ފެންނާނީ ހާއްސަ ފެނިލުމެއްގަ އެވެ. މި ފިލްމަކީ މުކޭޝް ކުމާރު ޑައިރެކްޓްކޮށްފައިވާ ހުރާފީ ފިލްމެކެވެ.
"ކަނައްޕާ" ގެ ހާއްސަ ފެނިލުންތަކުން ފެންނާނެ މަޝްހޫރު ތަރިންގެ ތެރޭގައި ދެކުނުގެ މަޝްހޫރު ތަރިން ކަމަށްވާ ޕްރަބާސް އާއި މޯހަންލާލްގެ އިތުރުން ކާޖަލް އަގަރްވާލް ވެސް ހިމެނެ އެވެ.
އަންނަ އެޕްރީލް މަހުގެ 25 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ "ކަނައްޕާ" ގެ ލީޑް ކާސްޓްގައި ހިމެނެނީ ވިޝްނޫ މަންޗޫ އާއި މޯހަން ބާބޫ އާއި އާރް ސަރަތުކުމާރާއި މަދޫ އަދި މުކޭޝް ރިޝީ އެވެ. ޖުމްލަ 150 ކްރޯޑް ރުޕީސް (17.3 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ މި ފިލްމުން ބޮޑު ކާސްޓެއް ފެންނާނެ އެވެ.
"ކަނައްޕާ" ގައި އަކްޝޭ ފެންނާނެ ގޮތުގެ ޕޯސްޓަރެއް މިއަދު ދައްކައިލި އިރު، މި އަހަރު ރިލީޒްކުރާ އޭނަގެ ފުރަތަމަ ފިލްމަކީ މި މަހުގެ 24 ގައި ގެނެސްދޭ ވަތަނީ އެކްޝަން ޑްރާމާ "ސްކައި ފޯސް" އެވެ.
މި އަހަރު ރިލީޒްވާނެ އަކްޝޭގެ އިތުރު ފިލްމުތަކުގެ ތެރޭގައި "ޖޮލީ އެލްއެލްބީ 3" އާއި "ޝަންކަރާ" އާއި "ހައުސްފުލް 5" ހިމެނެ އެވެ.