Last Updated: July 1, 23:03
Tuesday, July 1, 2025
ޚަބަރު

އޭސީސީގެ މެމްބަރު ކަމަށް ފޮނުވި ނަމަކަށް ބަދަލެއް!

ހުސްވެފައިވާ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުކަމަށް އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި ދެ ނަމުގެ ތެރެއިން އެއް ނަން ބަދަލުކޮށް އަލުން ފޮނުއްވައިފި އެވެ.

ދައުރުން ބޭރުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާ އަށް ރައީސް ފޮނުއްވި ދެ ނަމަކީ މއ. ގޯލްޑަން މޫން އަހުމަދު ނާޝިދާއި ރ. ހުޅުދުއްފާރު ރޯޒްވިލާ އާސިޔާ އަޒީމާގެ ނަމެވެ. ނާޝިދަކީ މި ސަރުކާރުން ޕޮލިސް ބޯޑުން ވަކިކުރެއްވި ބޭފުޅެކެވެ.

މިއަދު ބޭއްވި ޖަލްސާ އަށް ރައީސް ވަނީ އާސިޔާގެ ބަދަލުގައި އެހެން ނަމެއް ފޮނުއްވައިފަ އެވެ. މަޖިލީހުގައި އިއްވި ރައީސްގެ ސިޓީގައިވާ ގޮތުން އޭސީސިގެ މެމްބަރުކަމަށް އައްޔަނުކުރަން ރައީސް މި ފަހަރު ފޮނުއްވީ ނާޝިދުގެ އިތުރުން ރ. އަލިފުށީ ފަސާނާގޭ، އަބްދުﷲ ނާޝިފްގެ ނަމެވެ.

ނަމަވެސް އާ ނަމެއް ފޮނުއްވި ސަބަބެއް ސާފެއް ނުވެ އެވެ.

އެ ނަންތައް މިއަދު ވަނީ ދިރާސާ ކުރަން ކޮމިޓީ އަށް ފޮނުވައިފަ އެވެ.

އޭސީސީން ދެ މެމްބަރުންގެ މަގާމު ހުސްވީ މިދިޔަ ނޮވެމްބަރު މަހު ކޮމިޝަންގެ ނައިބު ރައީސް އަބްދުލްސަލާމާއި މެންބަރު ތޯހާ މުހައްމަދަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވި، އެ ބޭފުޅުން ވަކިކުރަން މަޖިލީހުގެ ކޮމިޓީން ފާސްކުރުމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.