Last Updated: May 10, 13:32
Saturday, May 10, 2025
ޚަބަރު

ބައެއް މިނިސްޓަރުން އިހުލާސްތެރިއެއް ނޫން

މި ސަރުކާރުގެ ބައެއް މިނިސްޓަރުން ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އިހުލާސްތެރި ނޫން ކަމަށް ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްލަތީފް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ދައުރުން ބޭރުން ބޭއްވި ދެވަނަ ޖަލްސާގައި ބައެއް މިނިސްޓަރުން ފޯނަށް ޖަވާބު ނުދެއްވާ މައްސަލަ ފާހަގަކުރައްވައި އޭނަ ވިދާޅުވީ ދިވެހި ރައްޔިތުންނަށް ބޭނުންވާ ވަރަށް ގިނަ ކަންކަމުގައި މަޖިލީސް މެންބަރުން ވަޒީރުންނަށް ފޯނުކުރަންޖެހޭ ކަމަށެވެ. ނަމަވެސް ވަޒީރުން ފޯނު ނުނެއްގެވުމާއި"ކަންކަން ނުކޮށްދޭ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ލަތީފު ވިދާޅުވި އެވެ.

"ބައެއް ވަޒީރުން ހުދު ރައީސުލްޖުމްހޫރިއްޔާއަށް ވެސް އިޚުލާސްތެރިކަމާ އެކު މަސައްކަތްކުރާކަން ނުވަތަ އިހުލާސްތެރިކަމާ އެކު މަސައްކަތްކޮށް ދޭކަން އަޅުގަނޑުމެންނަށް ކަށަވަރެއް ނޫން." އޭނަ ވިދާޅުވި އެވެ.

އެހެންވެ އެފަދަ މިނިސްޓަރުން ރައީސް މުއިއްޒާ ގާތްވުމުން މަގާމުން ދުރުނުކުރެވޭނެ ކަމަށް ހީނުކުރެއްވުމަށް ވެސް ލަތީފު ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާއާ މާ ގާތްވީމަ މަގާމުގަ މާ ގިނަ ދުވަހު ތިބެވޭނެކަމަށް ބައެއް ވަޒީރުންނަށް ހީވާކަހަލަ، އިހުލާސްތެރި ނުވާނަމަ ދެމި ތިބެވޭނެކަމަށް ހީކޮށްގެން ނުވާނެ،" އޭނަ ވިދާޅުވި އެވެ. "އަށާރަ ވަނަ މަޖިލީހުގައި ވެސް އަޅުގަނޑުމެން ހުންނާނީ އަޅުގަނޑުމެންގެ ވަޒީރުން މަގާމުން ވަކިކޮށްފައި."

މިދިޔަ އަހަރުގެ ތެރޭގައި މަޖިލީހުގެ ކޮމިޓީއެއްގެ ތެރޭގައި ވެސް ބައެއް މިނިސްޓަރު ފޯނަށް ޖަވާބު ނުދެއްވުމާއި އެ ބޭފުޅުންނާ ހަވާލުކުރައްވާފައިވާ ޒިންމާތައް އަދާނުކުރައްވާކަމުގެ ކަންބޮޑުވުންތައް ޕީއެންސީގެ މެންބަރުންތަކެއް ފާހަގަކުރައްވާފައިވެ އެވެ.