ޕާކިސްތާން އިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ވައިސް އެޑްމިރަލް (ރިޓަޔަޑް) ފައިސަލް ރަސުލް ލޯދި އާއި ޚާރިޖީ ވަޒީރު، ޑރ. އަބްދުﷲ ޚަލީލްގެ މިއަދު ބައްދަލުކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރު ޚަލީލް ވަނީ ސަފީރު ފައިސަލް ރަސުލް ލޯދި އަށް ތަހުނިޔާ ވިދާޅުވެފަ އެވެ. އަދި ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ޕާކިސްތާން ސަރުކާރުން ވެދެއްވާ އެހީތައް ފާހަގަކޮށް އެކަމަށް ޝުކުރު ދަންނަވައި ރާއްޖެ އާއި ޕާކިސްތާންއާ ދެމެދު މިހާރު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.
ސަފީރު ފައިސަލް ރަސުލް ލޯދި ވަނީ އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ދެމެދު ގައި އޮތް ގާތް ގުޅުން ބަދަހިކޮށް، ދެޤައުމަށް ވެސް ފައިދާ ހުރި ކަންކަމުގައި އެކުގައި މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އަރުވާފަ އެވެ.