ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ އަނަންޔާ ޕާންޑޭ އާއި ވެދާންގް ރައިނާ އަށް ޑައިރެކްޓަރު އިމްތިއާޒް އަލީގެ ފިލްމެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމުފެއާ އިން މިއަދު ބުނީ އިމްތިއާޒް ލިޔެ، ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ލޯބީގެ ފިލްމަށް ދެ ތަރިން މިހާރު އޮޑިޝަން ވެސް ހަދާފައިވާ ކަމަށެވެ. އެކަމަކު ނަން އަދި ސާފުނުވާ ފިލްމަށް އަނަންޔާ އާއި ވެދާންގެ ފައިނަލް ނުކުރާ ކަމަށް ފިލްމުފެއާ އިން ބުންޏެވެ.
ނަމަވެސް އިމްތިއާޒްގެ ފިލްމުގެ ޒުވާން ދެ ތަރިން ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ބުންޏެވެ.
ވެދާންގް އަކީ އަނަންޔާގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރްގެ ލޯބިވެރިޔާ އެވެ. ވެދާންގް ފުރަތަމަ ފިލްމަކީ ހުޝީ ވެސް ތައާރަފުވި 2023 ގެ "ދި އާޗީސް" އެވެ. އޭގެ ފަހުން މިދިޔަ އަހަރު އާލިއާ ބަޓްގެ "ޖިގްރާ" އިން ވެސް އުންމީދީ އެކްޓަރު ފެނިފައިވެ އެވެ.
ވެދާންގް އާއި އަނަންޔާ ހިމަނައިގެން އިމްތިއާޒް ފިލްމެއް ހަދަން އުޅޭ ވާހަކަ ދެކެވެން މި ފެށީ ޓްރިޕްތީ ދިމްރީ އާއި ދެކުނުގެ އެކްޓަރު ފަހަދު ފައިސަލާ އެކު "އިޑިއަޓްސް އިފް އިސްތަންބޫލް" ކިޔާ ފިލްމެއް ހަދަން އިމްތިއާޒް ތައްޔާރުވަމުން އަންނަ ކަމަށް މިދިޔަ އަހަރުގެ ފަހުކޮޅު މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.
"ޖަބް ވީ މެޓް" އާއި "ލަވް އާޖް ކަލް" އަދި "ރޮކްސްޓާ" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ޕަރިނީތީ ޗޯޕްޅާ އާއި ދިލްޖީތު ދޮސަންޖަނާ އެކު ގެނެސްދިން "އަމަރު ސިންގް ޗަމްކީލާ" އެވެ.
އިމްތިއާޒްގެ ފިލްމަކުން އަނަންޔާ އަށް ފުރުސަތު ލިބުނު ވާހަކަ ދެކެވެން ފެށި އިރު، އޭނަ އަކީ މިހާރު ގިނަ އޮފާތަކެއް ލިބެމުން އަންނަ ތަރިއެކެވެ. މިދިޔަ އަހަރު "ކޮންޓްރޯލް" އާއި ވެބް ސީރީޒް "ކޯލް މީ ބައޭ" އިން ފެނިގެން ދިޔަ ބަތަލާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޝަންކަރާ" އާއި "ޗާންދު މޭރާ ދިލް" ހިމެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން 2019 ގެ "ގަލީ ބޯއި" ހެ ސީކްއެލް ހަދަން ނިންމާފައި ވަނީ އަނަންޔާ އާއި ވިކީ ކޯޝަލާ އެކީގަ އެވެ.