ޑިސެމްބަރު 27، 2012 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސް ކުރެއްވި "ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަކޮށް އިވެލުއޭޓް ކުރުމުގެ ބިލް" ރައީސް ޑރ. މުޙަންމަދު ވަޙީދު ތަޞްދީޤު ކުރައްވައިފި އެވެ.
ތަޞްދީޤު ކުރެއްވުމާ ގުޅިގެން، އެ ޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވައިފި އެވެ.
މި ޤާނޫނަކީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ސަރުކާރުގެ މިލްކުގައިވާ ދައުލަތުގެ ވިޔަފާރި ތަންތަނާއި، އެތަންތަނުގެ މިލްކުގައިވާ އެއްޗެހި، މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޕްރައިވަޓައިޒް ކުރުމާއި، ކޯޕަރަޓައިޒް ކުރުމާއި، މޮނިޓަކުރުމާއި، އިވެލުއޭޓް ކުރުމާއި، ދައުލަތުގެ ވިޔަފާރި ތަންތަނުން ޙިއްޞާ ޢާންމުކޮށް ވިއްކުމާއި، އެކަންކަމާ ގުޅޭ އުޞޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.
މި ޤާނޫނުގެ ދަށުން ހިންގާ މަސައްކަތުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ޤައުމުގެ އިޤްތިޞާދީ ޙަރަކާތްތައް ހަރުދަނާކޮށް، އިޤްތިޞާދީ ދުވެލި އިތުރުކުރުމާއި، ވާދަވެރި ވިޔަފާރީގެ މާޙައުލެއް ޤާއިމުކޮށް، އެ މާޙައުލުގެ ވާދަވެރިކަން އާލާކުރުމާއި، ރާއްޖޭގެ އިޤްތިޞާދީ އެކިއެކި މަސައްކަތްތައް، ވަކި ފަރާތަކަށް މިލްކުވެފައި އޮންނަ އޮތުން ނައްތާލައި، ވީހާވެސް ގިނަ ފަރާތްތަކަށް، އެމަސައްކަތްތައް މިލްކުކޮށް، އެ މަސައްކަތްތައް ކުރުމުގައި ޙަރަކާތްތެރިވެވޭނެގޮތް ހަދައިދިނުން ހިމެނެ އެވެ.
އަދި ދައުލަތުގެ ވިޔަފާރި ތަންތަން ހިންގުމުގައި، ވީހާވެސް ބޮޑަކަށް ރައްޔިތުންގެ ޙިއްޞާ އިތުރުކުރުމާއި، އެ ޙިއްޞާގެ ނިސްބަތް ފުޅާކުރުމާއި، ދިވެހި ސަރުކާރަށް އާމްދަނީ އިތުރުކުރުމާއި، ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުޞޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް، މަގު ތަނަވަސްކޮށް ދިނުން ވެސް ހިމެނެ އެވެ.
މީގެއިތުރުން، ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުޞޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ބޯޑަށް، ސަރުކާރުން މީހުން ޢައްޔަނު ކުރުމުގައި ހަރުދަނާ އުޞޫލެއް ޤާއިމު ކުރުމާއި، ބޯޑުތަކަށް ސަރުކާރުން ޢައްޔަންކުރާ ފަރާތްތަކަކީ، ކަމަށް އެކަށީގެންވާ ޤާބިލު ބައެއް ކަމުގައި ކަށަވަރު ކުރުމާއި، ބޯޑުތަކަށް ސަރުކާރުން މީހުން ޢައްޔަން ކުރުމާއި ވަކިކުރުމުގައި ޢަމަލުކުރާނެ ހަރުދަނާ އުޞޫލުތައް ބަޔާންކުރުން ވެސް، މި ޤާނޫނުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެ އެވެ.
މި ޤާނޫނު ތަޞްދީޤު ކުރައްވައި ގެޒެޓް ކުރެއްވުމާއެކު، މި ޤާނޫނުގެ ދަށުން "ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް" ގެ ނަމުގައި ބޯޑެއް ވަނީ އުފެދިފަ އެވެ.
މި ބޯޑު އެކުލެވިގެންވަނީ، މި ޤާނޫނުގެ 9 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޢައްޔަންކުރާ ބޯޑުގެ ރައީސާއި، ނައިބު ރައީސާ އެކު ރައީސް ޢައްޔަންކުރާ ޖުމްލަ 7 މެންބަރުންގެ މައްޗަށެވެ.
ބޯޑުގެ މެންބަރު ކަމަށް ރައީސް މެންބަރުން ޢައްޔަނު ކުރުމަށް ފަހު، ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދަން ވާނެ ކަމަށް ވެސް މި ޤާނޫނުގައި ބަޔާންކޮށްފައި ވެ އެވެ.