Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ތާރީހުގައި ރައީސްގެ ނަން ލިޔެވޭނީ ރަން އަކުރުން

ރާއްޖޭގެ ތާރީހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅު ލިޔެވޭނީ ރަން އަކުރުން ކަމަށް، ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން 55 ރަށެއްގައި ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމަށް މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ހެކްސްޓާ ގްލޯބަލްއާ ހަވާލުކުރުމުންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ ކައުންސިލް އިދާރާތަކެއް ބިނާކުރުމުގެ މި މަޝްރޫޢަކީ ރައީސް މުޢިއްޒުގެ ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން، ސަރުކާރުން ހިންގާ މަޝްރޫއެއް ކަމަށާއި ކައުންސިލްތައް ޢުމްރާނީ ގޮތުން ތަރައްޤީ ކުރެއްވުމަށް ވެވަޑައިގެންނެވި ވަޢުދު
ފުއްދަވާނެކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

"ކައުންސިލް އިދާރާތައް ބިނާކުރުމުގެ މި މަޝްރޫޢުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅު ރާއްޖޭގެ ތާރީޚުގައި، ލާމަރުކަޒީ ނިޒާމުގެ ޞަފުޙާތަކުގައި ރަންއަކުރުން ލިޔެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން 55 ކައުންސިލް އިދާރާ ފަރުނީޗަރާއެކު ޤާއިމުކުރެވޭނެ ކަމަށާއި މީގެތެރޭގައި ދެ ބުރިއަށް ޢިމާރާތްކުރާ 27 ކައުންސިލް އިދާރާ ހިމެނޭ ކަމަށެވެ. އަދި ދެ ބުރިއަށް އިމާރާތްކުރާ ކައުންސިލް އިދާރާތައް، މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި އަދި އެއް ބުރީގެ ޢިމާރާތްތައް މަސައްކަތް ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް ވިދާޅުވި އެވެ.

ކައުންސިލް އިދާރާގެ އާ އިމާރާތްތައް އިމާރާތް ކުރުމަށް 36 މިލިއަން ޑޮލަރު ހޭދަކުރާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

މީގެއިތުރުން ޗައިނާގެ އެހީގައި 50 ކައުންސިލް އިދާރާ އެޅުމުގެ މަޝްރޫއުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. މި ދެ މަޝްރޫއު ނިމޭއިރު މި ދައުރުގައި ރާއްޖޭގެ ކައުންސިލް އިދާރާތަކުގެ 71 އިންސައްތަ މުޅިން އައު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.