Last Updated: July 15, 18:06
Thursday, July 16, 2026
މުނިފޫހިފިލުވުން

ރަންދީޕަށް އަނެއްކާ ވެސް ހޮލީވުޑްގެ ޕްރޮޖެކްޓެއް

ކުރިން ވެސް ހޮލީވުޑްގެ ފިލްމެއްގައި މަސައްކަތްކޮށްފައިވާ އިންޑިއާގެ އެކްޓަރު ރަންދީޕް ހޫޑާ އަށް އަނެއްކާ ވެސް އެފަދަ ޕްރޮޖެކްޓެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ އޭގެ ޝޫޓިން އަށް އޭނަ މިހާރު ހަންގޭރީ އަށް ވެސް ފުރާފައިވާ ކަމަށެވެ. މީގެ ޝޫޓިން މި ހަފުތާގެ ތެރޭގައި އެ ގައުމުގެ ވެރިރަށް ބުޑަޕެސްޓްގައި ފަށާނެ ކަމަށް ވެސް ބުންޏެވެ.

ނަމަވެސް މިއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ނުލިބެ އެވެ.

ރަންދީޕް ވަނީ 2020 ގައި ނެޓްފްލިކްސް އިން ގެނެސްދިން، މަޝްހޫރު އެކްޓަރު ކްރިސް ހެމްސްވޯތުގެ ކާމިޔާބު އެކްޝަން ތުރިލާ "އެކްސްޓްރެކްޝަން" ގެ ރޯލެއް ކުޅެފަ އެވެ. އޭގައި އޭނަ ކުޅުނީ ސްޕެޝަން ފޯސެސްއެއްގެ ލެފްޓިނަންޓް ކާނަލް ސަޖޫ ރަވް ކިޔާ ކެރެކްޓާއެކެވެ.

މިހާތަނަށް ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކެއް ކުޅެފައިވާ ރަންދީޕް، 48، ގެ އެންމެ ފަހުގެ ފިލްމަކީ އޭނަ ޑައިރެކްޓްކޮށް، ކުޅެ މިދިޔަ އަހަރު ގެނެސްދިން "ސުވަންތަރިއާ ވީރު ސަވަރްކަރް" އެވެ. ރަންދީޕްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ސަނީ ޑިއޯލްގެ "ޖާޓް" އާއި ޝާހިދު ކަޕޫރްގެ "އަރުޖުން އުސްތާރާ" ހިމެނެ އެވެެ.