Last Updated: May 10, 13:32
Saturday, May 10, 2025
ޚަބަރު

ފުލުހުން ވެފައިވާ އެއްބަސްވުންތަކާ ގުޅޭ މަޝްވަރާތަކެއް

ފުލުހުންގެ ޚިދުމަތުގެ ތަހުގީގީ އަދި އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށްޓަކައި އިންޑިއާގެ ތަމްރީނުދޭ މަރުކަޒުތަކާ އެކު ކުރިން ވެފައިވާ އެއްބަސްވުންތައް ތަންފީޒުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައްކޮށްފައި ވަނީ ފުލުހުންގެ ޓީމެއް މި މަހުގެ 12-17 އަށް އިންޑިއާ އަށް ކުރި ދަތުރުގަ އެވެ. އެ ޓީމުގައި އިސްކޮށް ހުންނެވީ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހުމަދު ޝިފާނެވެ.

އޭނައާ އެކު އެ ދަތުރުގައި ބައިވެރިވެވަޑައިގަތް ފުލުހުންގެ ތެރޭގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސުލްޠާން އަޙްމަދު ބިޝާރާއު ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް އިބްރާހީމް ފާއިޒް އަދި އިންސްޕެކްޓަ އޮފް ޕޮލިސް މުޙައްމަދު އިޝާމް ހިމެނިވަޑައިގަނެ އެވެ.

އިންޑިއާގައި ފުލުހުންގެ ތަމްރީނު އިސް މުއައްސަސާތަކާއެކު ކުރިން ވެފައިވާ އެއްބަސްވުންތަކުގެ ދަށުން، ހާއްސަ ތަހުގީގުތަކާއި، ސައިބަ ފޮރެންސިކްސް، އަދި އިންޓެލިޖެންސްގެ ދާއިރާތަކުން މަތީފެންވަރުގެ ތަމްރީނުތައް ލިބުމުގެ އިތުރުން، ރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ފޮރެންސިކް ލެބޯޓަރީއެއް ގާއިމު ކުރުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.

މި ދަތުރުގައި އެމްޕީއެސްގެ ވަފުދުން ބައްދަލުކުރެއްވި މުއައްސަސާތަކުގެ ތެރޭގައި ހައިދަރާބާދުގެ ނޭޝަނަލް ޕޮލިސް އެކަޑަމީ (އެންޕީއޭ)، ގުޖުރާތުގެ ނޭޝަނަލް ފޮރެންސިކް ސައިންސް ޔުނިވަރސިޓީ (އެންއެފްއެސްޔޫ) އަދި ރަޝްޓްރިޔާ ރަކްޝާ ޔުނިވަރސިޓީ (އާރްއާރްޔޫ) ހިމެނެ އެވެ.

އެގޮތުން މުއައްސަސާތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) ގެ މަންހަޖު އެކްރެޑިޓްކުރުމާއި، މުދައްރިސުން ބަދަލުކުރުމާއި އަދި ޓެކްނިކަލް އެހީތެރިކަން ލިބިގެންދާނެ އެވެ.

މި އެއްބަސްވުންތަކުގެ ދަށުން، އެންއެފްއެސްޔޫ އިން ރާއްޖޭގައި ކެމްޕަހެއް ގާއިމުކުރުމަށް ހުށަހަޅުއްވާފައިވެ އެވެ. އޭގެ އިތުރުން، ޒަމާނީ ޑިޖިޓަލް ފޮރެންސިކް ލެބޯޓަރީއެއް ތަރައްއްގީކުރުމަށް އެހީތެރިވުމަށް ވެސް އެއްބަސްވެފައިވެ އެވެ. އާރްއާރްޔޫ އިން ވަނީ އެމްޕީއެސްގެ 5 އޮފިސަރުންނަށް ސްކޮލަޝިޕް ފުރުސަތު ދިނުމަށާއި، ދެ ކެމްޕަހުގައި ކިޔަވައިދޭ ކޯސްތަކާއި، މާލީ ކުށްތަކާއި ކަނޑުގެ ސަލާމަތާ ގުޅޭ މަތީފެންވަރުގެ ތަމްރީނުތައް ހިންގުމަށް ވެސް އެއްބަސްވެފަ އެވެ.

މި އެއްބަސްވުންތަކަކީ ފުލުހުންގެ ޚިދުމަތުން ފުލުހުންގެ މަސައްކަތުގެ މިންގަނޑުތައް ޒަމާނީކުރުމަށާއި، އޮޕަރޭޝަނަލް އަދި ތަހުގީގީ ގާބިލުކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ވެސް ފުލުހުންގެ އިދާރާ އިން ބުންޏެވެ.