Last Updated: May 6, 11:39
Tuesday, May 6, 2025
ޚަބަރު

އަމީން ކޮންސްޓްރަކްޝަނަށް ދައުވާކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ހިޔާނާތްތެރިވެފައިވާ މައްސަލައިގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދައުވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާކޮށްފި އެވެ.

އެ މައްސަލަ ކޯޓަށް ހުށަހެޅީ އާދިއްތަ ދުވަހު އެވެ.

އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އުފުލި ދައުވާގައި ބުނެފައި ވަނީ ބައްސާމު އެފްއޭއެމްގެ ފައިސާއިން 1,919,950 ޑޮލަރު ޖަމާކުރުމުން، އަމީން އެވެނިއުގެ އެޕާޓްމަންޓް ގަތުމަށްޓަކައި، އެ ފައިސާގެ ތެރެއިން 1,000,000 ޑޮލަރު ނެގޭ ގޮތަށް ކުންފުންޏަށް ދޫކުރި ޗެކުގައިވާ ފައިސާއަކީ އެފްއޭއެމްގެ ފައިސާކަން އެނގިހުރެ، އެ ފައިސާ ބަލައިގަނެފައިވާ ކަމަށެވެ.

އަދި އެ ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްކަމަށް ބަޔާންކޮށް، ބޭންކް އޮފް ސިލޯނަށް ސިޓީ ފޮނުވައި، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމަށް އަނބުރާ ދެއްކުމަކާ ނުލައި، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ނަގުދު ފައިސާއިން ދީފައިވާކަން ދެއްކުމަށް އަމީން ކޮންސްޓްރަކްޝަންގެ ނަމުގައި ކޭޝް ވައުޗަރުތަކެއް ތައްޔާރުކޮށްފައިވާ ކަމަށް ވެސް ދައުވާގައި ބުންޏެވެ.

އެހެންވެ އޭގެ ސަބަބުން އެފްއޭއެމަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 1,000,000 ޑޮލަރު ނަގައިދޭން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ.

އަމީން ކޮންސްޓްރަކްޝަންގެ އަމަލުގެ ސަބަބުން، ބައްސާމު ހޯދައި ލިބިގަނެ ބޭނުންކުރަމުން ގެންދިޔަ އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އެޕާޓްމަންޓް 1205 އަދި 1206 ދައުލަތަށް ނަގައިދިނުމަށް ވެސް ޕީޖީން އެދިފައިވެ އެވެ.

ބައްސާމުގެ މައްޗަށް މިހާރު ހިޔާނާތްތެރިވުމުގެ ކުށުގެ ދެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއެއް ހިނގަމުން ދެ އެވެ.