Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ޑިމޮކްރެޓްސްގެ ރައީސަކަށް އިންތި ވާދަކުރަނީ

ޑިމޮކްރެޓްސްގެ ރައީސް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ ކުރިމަތިލައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިންތި ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ މިވަގުތު ހުސްވެފައިވާ ރައީސްކަމުގެ މަގާމަށް ކުރިމަތިލާން ހުށަހަޅާފައިވާ ކަމަށާއި އެއާއެކު ޕާޓީގެ ތަރުޖަމާނު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

"އެންމެހައި އެކުވެރި ޑެމޮކްރެޓްސްގެ ތާއީދަށް އެދި ދަންނަވަން،" އިމްތިޔާޒު ލިޔުއްވާފައިވެ އެވެ.

ޑިމޮކްރެޓްސްގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ހަސަން ލަތީފް އާއި ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒު ވަނީ އެ ޕާޓީ ދޫކޮށް އެމްޑީޕީއާ ދާދިފަހުން ގުޅިވަޑައިގެންފަ އެވެ.

ޑިމޮކްރެޓްސްގެ ވަގުތީ ރައީސަކަށް ހަމަޖައްސާފައިވަނީ މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ހުސެއިން ފިރުޝާން އެވެ.

ޑިމޮކްރެޓްސް އިން ރޭ ނެރުނު އިއުލާނެއްގައި ބުނީ މި މަގާމުތަކަށް ވާދަކުރުމަށް އެދޭ އެ ޕާޓީގެ މެމްބަރުންނަށް، މި މަހުގެ 23 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

މި މަގާމުތަކަށް މެމްބަރުން އިންތިހާބުކުރުމަށް ބާއްވާ އެތެރޭގެ އިންތިހާބު އޮންނާނީ އަންނަ މަހުގެ 15 ގައި ކަމަށް ޑިމޮކްރެޓްސްގެ އިއުލާނުގައިވެ އެވެ.