Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

މިއީ ރަސްގެތީމުގެ ތަރައްގީގައި ހަގީގީ ކުލަޖައްސާނެ އަހަރު

މިއީ ރ. ރަސްގެތީމުގެ ތަރައްގީގައި ހަގީގީ ކުލަޖައްސާނެ އަހަރު ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު ރަސްގެތީމުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ އަހަރު ތެރޭގައި މުޅި ރާއްޖޭގައިވެސް ސަރުކާރުން ކަންކަން ކުރެވުނު ވަރާއި ނުކުރެވުނު ސަބަބު މި ރަށަށް ވެސް ޝާމިލުވެގެންދާ ކަމަށާއި އެގޮތުން ސަރުކާރުން ގައުމާއި ހަވާލުވިއިރު، އިގްތިސާދީ ގޮތުން އޮތް ހާލަތުން އަރައިގަތުމަށް ނުހަނު ގިނަ މަސައްކަތްތައް ކުރަން ޖެހި، މިހާރުވެސް ގިނަ ކަންކަން ކުރެވެމުންދާ ކަމަށެެވެ.

ނަމަވެސް މިދިޔަ އަހަރާއި ހިލާފަށް މި އަަހަރު ތެރޭގައި، ކެމްޕެއިންގައި ދެންނެވި ކަންކަން އަމަލީ ގޮތުން ކޮށްދެއްވާނެ ކަމަށާއި އެގޮތުގެ ކެމްޕޭނުގައި ދެންނެވި ހުރިހާ ކަމެއް މި އަހަރު ތެރޭގައި ފަށާ، ގިނަ ކަންކަން ނިންމުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރަސްގެތީމުގެ ބަނދަރުގެ ގިނަ ކަންކަން ކުރަން ހުރި ކަމަށާއި ވައުދުވެވަޑައިގެންނެވި ގޮތަށް އެ މަސައްކަތް ވެސް މި އަހަރު ތެރޭގައި ކުރައްވާނެ ކަމަށެވެ. އަދި ސްކޫލް ޖާގަ އިތުރު ކުރުންވެސް މި އަހަރު ތެރޭގައި ކުރިއަށް ދާނެ ކަމަށާއި އަދި ކުޅިވަރުގެ ދާއިރާއިން ފުޓްސަލް ދަނޑާއި ގުޅިފައިވާ މަސައްކަތްތަކާއި ކުނި މެނޭޖް ކުރުމާއި، ފެނާ ނަރުދަމާ މަޝްރޫއުގެ މައްސަލަތައް ހައްލުކޮށްދެއްވުމާއި، ރަށުގެ މައިމަގުތައް ހެދުން ފަދަ ކަންކަމާއި އަދި ކަރަންޓް މައްސަލަތަކާއި ސިއްހީ މައްސަލަތައްވެސް ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"މި އަހަރު ތެރޭގައި، މި ކަންތައްތައް ކުރިއަށް އޮތް މަސްތަކުގައި ވަރަށް އިސްކަމެއް ދީގެން، މިރަށުގައި ފެށި ނިންމަ ދޭނެކަން. އެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" ރައީސް ވިދާޅުވި އެވެ.

ރަސްގެތީމުގެ ތަރައްގީއަށްޓަކައި ކުރަން ހުރި، ހުރިހާ ކަންކަމަކީ ހަމަ އެހެން ކޮންމެ ރަށެކޭ އެއްފަދައިން އެއް ފެންވަރެއްގައި އެއް އިސްކަމެއް ދެވޭ ކަންކަން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެވިއްޔާ މި އަހަރަކީ މި ރަށުގެ ތަރައްގީގައި ހަގީގީ ކުލަ އަޅުގަނޑުމެން ޖައްސައިދޭނެ އަހަރެއް ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" ރައީސް ވިދާޅުވި އެވެ.