Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ސިއްހީ ހިދުމަތްދޭ ތަންތަނުގައި އެންމެ ކޮލިޓީ މެޝިނަރީ ބަހައްޓަނީ

ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި އެންމެ ފެންވަރު ރަނގަޅު ވަސީލަތްތައް ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު އަނގޮޅިތީމު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއަހަރުގެ ބަޖެޓުގެ ތެރެއިން ސިއްހީ ދާއިރާ ރަނގަޅު ކުރަން ވަރަށް އިސްކަމެއް ދެއްވާ ކަމަށާއި ސިއްހީ ހިދުމަތްދޭ ތަންތަނުގައި ހުންނަ ވަސީލަތްތައް ނުހުއްޓި ހިންގޭނެ ގޮތްތައް އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ސަރުކާރުން ފަށާފައިވާ ރަނގަޅު ފެންވަރުގެ ބޭސް ބަލްކުކޮށް ގެނައުމުގެ މަސައްކަތާ އެއްގޮތަށް، ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގައި ހުންނަ އިކުއިޕްމެންޓުތަކަކީ ވެސް ދުނިޔޭގެ އެންމެ ރަނގަޅު ބްރޭންޑުތަކުގެ ވަސީލަތްތަކަށް ހެދުމަށް ވެސް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެކީގައި ގިނަ އަދަދެއްގެ ރަށްރަށަށް ވާވަރަށް ގަނެގެން ގެނެސް ހަރުކޮށް އޭގެ ރީއެޖެންޓްސް، އެއަށް ބޭނުންވާ ވަސީލަތްތައް. ހިންގުމަށް ބޭނުންވާނެ ތަކެއްޗަކީ ވެސް ފަސޭހައިން ލިބޭނެ ތަކެތި އެކަހަލަ ބްރޭންޑުތައް ގެނައީމާ. އެގޮތަށް އެކަން ކުރަން ވާނީ ނިންމާފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގިނަ ފަހަރު ރަށްރަށުގައި ހުންނަ ބްރޭންޑްތަކުގެ ސިއްހީ ވަސީލަތްތަކުގެ ސްޕެއާ ފަދަ އެއްޗެހިތަކަކީ އެހާ ފަސޭހައިން ލިބެން ހުންނަ ތަކެތި ނޫން ކަމަށާއި އަބަދު އެ ވަސީލަތްތައް ރަނގަޅުކުރަން ވެއްޖެނަމަ އެކަމަށް ހިނގާ ހަރަދުވެސް ވަރަށް ބޮޑު ކަމަށެވެ.

"އެއްފަހަރުން ތަންކޮޅެއް ބޮޑު ހަރަދެއް ހިނގިޔަސް ކުރިއަށް އޮތްތަނަށް މެއިންޓެނެންސް އަށް ބަލާއިރު މާ ބޮޑުތަނުން ސޭވް ވާނެ. އަދި ކޮލެޓީ އަށް ބަލާއިރު މާބޮޑަށް ރައްޔިތުންނަށް ކޮލެޓީ ހިދުމަތެއް ދެވޭ ކޮލިޓީ މެޝިނަރީ، ކޮލިޓީ ބްރޭންޑުތައް ގެނައީމާ،" ރައީސް ވިދާޅުވި އެވެ.