ހޮލީވުޑްގެ ތަރިން ކަމަށްވާ ޖެނިފާ ލޮފޭޒް (ޖޭލޯ) އާއި ބެން އެފްލެކްގެ ކައިވެނި މިހާރު ރަސްމީކޮށް ނިމުމަކަށް އައިސްފައިވާ އިރު، އެކްޓަރު ޗޭނިން ޓޭޓަމްގެ ހިތް އަތުލަން ޖޭލޯ މިހާރު އަމާޒު ހިފާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޗޭނިން އަކީ ޖޭލޯ ވަރަށް ހިތްކިޔާ ކަހަލަ ސިފަތަކެއް ހުރި މީހެކެވެ. އެހެންވެ އޭނަ އަށް ކޮންމެވެސް ގޮތަކުން އިޝާރާތްތަކެއް ދީގެން، ގުޅުމަކަށް ދާން ޖޭލޯ ވަރަށް މަަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ބުނެ އެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ ޗޭނިން އެންމެ ފަހުން ރައްޓެހިވެގެން އުޅުނު ބަތަލާ ޒޯއީ ކްރަވިޒާއި ޗޭނިންގެ ގުޅުން މިދިޔަ އަހަރުގެ ފަހުކޮޅު ނިމުމަކަށް އައިސްފައިވާކަމެވެ. އެ ދެ މީހުން ރައްޓެހިވީ 2021 ގަ އެވެ. "ސްޓެޕް އަޕް" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ އެކްޓަރަކީ ކުރިން ކައިވެންޏެއް ވެސް ކޮށްފައިވާ ތަރިއެކެވެ.
ޗޭނިން އާއި ޖެނާ ލި ޑީވަން 2009 ގައި ކުރި ކައިވެނި ރޫޅުނީ 2019 ގަ އެވެ. އެ ކައިވެންޏަށް އަންހެން ދަރިޔަކު ވެސް ލިބިފައިވެ އެވެ.
ޗޭނިންގެ ހިތުން ޖާގައެއް ލިބޭތޯ ޖޭލޯ މިހާރު ކަޅިއަޅަމުން އަންނަ އިރު، މި ދެ މީހުންގެ އުމުރުގައު 11 އަހަރުގެ ފަރަގު އެބަހުއްޓެވެ. ޖޭލޯ އަށް މިހާރު 55 އަހަރެވެ. ޗޭނިން އަށް 44 އަހަރެވެ. އެފްލެކްގެ ކުރިން ވެސް ޖޭލޯ ތިން ކައިވެންޏެއްކޮށްފަ އެވެ. އޭނަގެ ދެ ކުދިންގެ ބައްޕަ އަކީ މާކް އެންތަނީ އެވެ.