Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ޕީއެންސީން ހުށަހެޅި ފޯމުތައް ބާތިލުކުރަންޖެހޭ: ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް - ފޮޓޯ: އެމްޑީޕީ

ސަރުކާރު ހިންގާ ޕީއެންސީން މިދިޔަ މުއްދަތުގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުތައް ބާތިލުކުރަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންގެ އަދަދު އިތުރުކުރަން ވަގު ފޯމްތަކެއް ހުށަހެޅި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައި، ފޯމުތައް ފުރުމުގެ ކަންކަން ހޯމް މިނިސްޓަރު އަލީ އިހުސާންގެ ބެލުމުގެ ދަށުން ޑީއެންއާރު ތެރޭގައި ވަކިން ހުންނަ މީޓިން ރޫމެއްގައި ކުރިއަށް ގެންދިޔަ ކަމަށް ބުނާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދާދިފަހުން ވަނީ އާންމުވެފަ އެވެ.

އެ ފޮޓޯތަކުގައި އިހުސާންގެ އިތުރުން ޑީއެންއާރު ހިންގުމާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓަރު ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީގެ އިތުރުން ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހިމް ހުންނަވާ ތަން ވެސް ފެނެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މީޓިން ރޫމުގައި ޕީއެންސީއަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ކުރެއްވި ކަމަށް ހޯމް މިނިސްޓްރީން ބައެއް ވެރިން ވަނީ އެއްބަސްވެފަ އެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ނުދެވުމުން ހޯމް މިނިސްޓްރީގެ އިސްވެރިން ފިލި ނަމަވެސް މިކަމުގެ ހަގީގަތް މިއޮތީ ހާމަވެފައި ކަމަށެވެ. އެގޮތުން ޕީއެންސީއަށް ވަގު ފޯމު ފުރީ ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާކުރެވިފައިވާ ދައުލަތުގެ މުއައްސަސާއެއްގެ ތެރޭގައި، ދައުލަތުގެ މުދާ ބޭނުންކޮށްގެން، އެ ތަނުގެ މުވައްޒަފުން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އަދި ޑީއެންއާރުގެ ވެރިން މި ކުށަށް އިއުތިރާފުވެފައިވާތީ މައްސަލަ ބަލައި އިދާރާތަކުން ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި ޕީއެންސީ އިން އީސީއަށް މިދިޔަ މުއްދަތުގައި ހުށަހެޅި ފޯމުތައް ބާތިލުކުރަން ޖެހޭ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.