ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކޮށްގެން ދައުލަތުގެ އާމްދަނީ އިތުރުކުރަން ބޭނުންފުޅު ނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ އުނގޫފާރު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވާން ފިޔަވަޅުތައް އެޅީ ވަކި ބަޔަކަށް ފައިދާއެއް ހޯދައިދޭން ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.
"އަޅުގަނޑު ބޭނުމެއް ނޫން އެ ދާއިރާއިން ޓެކްސް ބޮޑުކޮށްގެން އާމްދަނީ އިތުރުކުރާކަށް. ފިނޭންސް މިނިސްޓްރީގެ ހިސާބުތައް މިހާރު ނަހަދާނެ، ދުންފަތުގެ ބާވަތްތައް އިމްޕޯޓުކޮށްގެން އިތުރުވާ ޓެކުހަށް ބަރޯސާވެގެނެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ބޭނުން ވަނީ ކޮންމެ މީހަކީ ދުންފަތުގެ ބާވަތްތައް ބޭނުންކޮށްގެން ލިބޭ ގެއްލުންތަކުން ދުރުވެފައި ތިބޭ ބަޔަކަށް ވުމަށް ކަމަށެވެ. އެގޮތުން ސަރުކާރުން މިކަމުގައި ފިޔަވަޅުތަކެއް އެޅީ ދުންފަތުން ދުރުވުމަށް ބާރު އެޅުމުގެ ހެޔޮ ނިޔަތުގައި ކަމަށާއި ނަމަވެސް ވޭޕް މަނާކުރި ގޮތަށް އެއް ފަހަރާ ދުންފަތުގެ އިސްތިއުމާލު މަނާކުރުމަކީ އެގޮތަށް ކުރެވޭނެ ކަމެއް ކަމަށް ނުވިސްނޭ ކަމަށް ރައީސް ވިދާޅުވި އެވެ.
އެގޮތުން ވޭޕަކީ ވަރަށް ފަހުން އައި ކަމެއް ކަމަށާއި އެއީ ދުންފަތުގެ އިސްތިއުމާލު ކުރުމާއި ހިލާފަށް ދިވެހިންގެ ތެރޭގައި އެހާ ބޮޑަށް އަށަގަނެފައި އޮތް ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ ސްޓެޕް ބައި ސްޓެޕް ކުރަންޖެހޭނެ ކަމެއްގެ ގޮތަށް ގަބޫލުކުރެވޭތީ އެގޮތަށް ފިޔަވަޅު އެޅީ،" ރައީސް ވިދާޅުވި އެވެ.
ދުންފަތުގެ އިސްތިއުމާކޮށްގެން ރައްޔިތުންނަށް އެކި ކަހަލަ ބަލިތައް ކުރިމަތިވެ، އެ ބަލިތަކުގައި ހަޔާތް ނިމިގެންދާތަން ދެކެން ބޭނުން ނުވާ ކަމަށާއި ދުންފަތުގެ ބާވްތަތަކުގެ އަގު މައްޗަށް ޖެއްސީ އެ އާދަތަކުން ރައްޔިތުން ދުރަށް ދިޔުމަށް ބާރު އެޅުމުގެ ގޮތުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.