Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ހިދުމަތްތައް ޑިޖިޓަލައިޒް ކުރެވުމުން ކޮރަޕްޝަން ހުއްޓުވޭނެ

ދައުލަތުގެ ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލައިޒް ކުރެވުމުން ކޮރަޕްޝަން ހުއްޓުވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ އުނގޫފާރު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަންގެ ނުބައި އަމަލު އަބަދުވެސް ހިނގަމުން އަންނަ ކަމަށާއި ނަމަވެސް އެއީ އެހެން އޮންނަންޖެހޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ހެޔޮ ނިޔަތުގައި ކަންކަން ކުރާ ނަމަ ކޮރަޕްޝަނުގެ އަމަލުތައް ނައްތާލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެގޮތުން ބަލާއިރުގައި އެންމެ ރަނގަޅަށް ކުރެވޭނެ އެއް ކަމަކީ މުޅި ދައުލަތުގެ ހުރިހާ ހިދުމަތްތަކެއް، ހުރިހާ މަސައްކަތްތަކެއް އެއީ ޑިޖިޓަލައިޒް ކުރެވިގެން ދެވޭ ހިދުމަތްތަކެއްގެ ގޮތުގައި ގާއިމް ކުރުން. ހިޔުމަން އިންޓަވެންޝަނުން އަމަލީ މަސައްކަތްތަކެއް ކޮށްގެން ކުރާ މަސައްކަތް މަދުކުރެވުނު ވަރަކަށް ޑިޖިޓަލް ނިޒާމެއް ގާއިމް ކުރެވި ކުރެވޭ ކޮންމެ ކަމެއްގެ ރެކޯޑިން ބެލެހެއްޓޭ ފުރިހަމަ ނިޒާމެއް ގާއިމް ކުރެވިގެން ދިޔައީމާ ވަރަށް ބޮޑަށް އެކަން ހުއްޓުވޭނެ." ރައީސް ވިދާޅުވި އެވެ.

ދުނިޔޭގައި އެންމެ ފެންވަރު ރަނގަޅުކޮށް ޑިޖިޓަލައިޒް ކުރެވިގެން ހިދުމަތްދޭ އެއް ގައުމު ކަމަށްވާ، އެސްޓޯނިއާ އަށް ދާދިފަހުން ކުރެއްވި ދަތުރުފުޅާއި ގުޅޭގޮތުން ރައީސް ވިދާޅުވީ އެގައުމުގައި ގާއިމުކޮށްފައިވާ ނިޒާމަށް ރައްޔިތުން ފުރިހަމައަށް އިތުބާރު ކުރާ ކަމަށާއި ބޭނުންފުޅުވަނީ އެސްޓޯނިއާގައި އެކަންކުރާ ގޮތަށް ރާއްޖޭގައި ވެސް އެކަން ކުރަން ކަމަށެވެ.

އެ ދަތުރުފުޅުން ވަރަށް ގިނަ ކަންކަން މަގުފަހިވެގެން ގޮސްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެންމެ ފުރަތަމަ ކުރާނެ ކަމެއްގެ ގޮތުގައި އޮތީ ޑިޖިޓަލް އައިޑީ ކާޑު ނިޒާމެއް ތައާރަފް ކުރުން ކަމަށެވެ.

"ޑިޖިޓަލް އައިޑީ ކާޑު އެއީ އެއީ ކޮންމެ މީހެއްގެ ވެސް، އެސްޓޯނިއާގައި އެކަން ކޮށްފައިވާ ފެންވަރުގައި، އަޅުގަނޑުމެން ކުރާނެ ކަމެއް. ކުރެވުނީމާ އޭގެ ޒަރިއްޔާއިން ދެން ހުރި ހުރިހާ ކަމަކަށް އެކްސެސް ވެވޭ ވަރަށް ފުރިހަމައަށް އިންޓެގްރޭޓް ކުރެވިފައިވާ، ވިއުގައަކުން ގުޅާލެވިފައިވާ ނިޒާމެއްގެ ތެރެއިން އެކަން ކުރާނީ،" ރައީސް ވިދާޅުވި އެވެ.

މިކަން ކުރިއަށް ގެންދާނީ ކުރިއަށް އޮތް ހަތަރު އަހަރަށް ބަހާލައިގެން ވަރަށް ތަފްސީލީ ޕްލޭނަކާއެކު ކަމަށާއި މިކަމުގައި ރައްޔިތުންނާއި މުއައްސަސާތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ހިދުމަތެއް ދޭއިރުގައި އެމީހަކު ބޭނުންވާ ގޮތަކަށް، މީހުން އަތުން ރިޝްވަތު ނަގައިގެން ކަންކަން އަވަސްކޮށްދިނުމާއި، ކަންކަމުގައި ވަކި އިސްކަމެއް ދިނުމާއި، މި ކަންކަން ނައްތާލެވޭ މި ނިޒާމު ގާއިމުވީމަ. އަޅުގަނޑު ބޭނުންވަނީ ދެފުށް ފެންނަ، ކޮރަޕްޝަން ނެތް ސަރުކާރެއްގެ ގޮތުގައި ދައުލަތް ވެސް ހިނގަން،" ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވަނީ މިއީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި އަދި ދަރިންނާއި ދަރިންގެ މުސްތަގުބަލަށްޓަކައި އެންމެ ރަނގަޅު މަގުން ގައުމު ހިންގަން ކުރަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވެފަ އެވެ.