Last Updated: July 18, 15:18
Friday, July 18, 2025
ކުޅިވަރު

ލިވަޕޫލް އާއި ބާސާ ގަދަ 16 އަށް

ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ލިވަޕޫލް އާއި ބާސެލޯނާ ދަތުރުކޮށްފި އެވެ.

ލިވަޕޫލުން އަމިއްލަ ދަނޑުގައި 2-1 އިން ލިލް ބަލިކުރިއިރު، ރަށުން ބޭރުގައި ކުޅެ ބާސާ މޮޅުވީ ބެންފީކާއާ ބައްދަލުކޮށް 5-4 އިންނެވެ. ލިވަޕޫލް އާއި ބާސާ އަކީ މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ދަތުރުކުރި ފުރަތަމަ ދެ ޓީމެވެ.

މި މޮޅާ އެކު ލިވަޕޫލުން އޮތީ ޗެމްޕިއަންސް ލީގުގައި ކުޅުނު 7 މެޗުން ވެސް މޮޅުވެ 21 ޕޮއިންޓް ހޯދައިގެން އެއްވަނައިގަ އެވެ. ބާސާ އޮތީ 7 މެޗުން 18 ޕޮއިންޓު ހޯދައިގެން ދެވަނައިގައި ކަމަށްވާއިރު، ތިންވަނައިގައި 7 މެޗުން 15 ޕޮއިންޓު ހޯދައިގެން އޮތީ އެތްލެޓިކޯ މެޑްރިޑް އެވެ.

ލިވަޕޫލް މޮޅުވި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 34 ވަނަ މިނެޓްގައި ލިވަޕޫލަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހެވެ. ދެވަނަ ހާފްގެ ކުރީކޮޅު ލިލްގެ އައިސާ މަންޑީ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކިއިރު، މެޗުގެ 62 ވަނަ މިނެޓްގައި ޖޮނަތަން ޑޭވިޑް ވަނީ ލިލްއަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި މެޗުން މޮޅުވި ގޯލު ލިވަޕޫލަށް މެޗުގެ 67 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހާވީ އެލިއޮޓް އެވެ.

ބެންފީކާއާ ބާސާ ބައްދަލުކުރި ފޯރިގަދަ މެޗުގެ ދެވަނަ މިނެޓްގައި ވެންޖެލިސް ޕަވްލިޑިސް ބެންފީކާ އަށް ލީޑު ނަގައިދިންއިރު، މެޗުގެ 13 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ރޮބަޓް ލެވެންޑޯސްކީ ވަނީ ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ދެ ގޯލު ކާމިޔާބުކޮށް ބެންފީކާ އިން ވަނީ ލީޑު ފުޅާކޮށްފަ އެވެ. މި ދެ ގޯލު ވެސް ބެންފީކާ އަށް ކާމިޔާބުކޮށްދީ ޕަވްލިޑިސް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

އަދި ދެވަނަ ހާފްގެ ކުރީކޮޅު ބާސާގެ ރޮނަލްޑް އަރައުހޯ އަތުން ބައިކޮޅަށް ވަތް ގޯލާއެކު ބެންފީކާ އިން ވަނީ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްފަ އެވެ. ބާސާގެ ދެވަނަ ގޯލު މެޗުގެ 64 ވަނަ މިނެޓްގައި ރަފީނިއާ ކާމިޔާބުކޮށްދިން އިރު، މެޗުގެ 78 ވަނަ މިނެޓްގައި ލެވެންޑޯސްކީ ވަނީ ބާސާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ބާސާ އަށް ނަތީޖާ އެއްވަރުކޮށްދިން ގޯލު މެޗުގެ 86 ވަނަ މިނެޓްގައި އެރިކް ގާސިއާ ކާމިޔާބުކޮށްދިން އިރު، އެޓީމު މޮޅުވި ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ރަފީނިއާ އެވެ.