Last Updated: June 9, 13:30
Tuesday, June 9, 2026
ޚަބަރު

ހުއްޓިފައިވާ 55 ޖަމިއްޔާއަކަށް އިތުރު ފުރުސަތެއް

ރާއްޖޭގެ ޖަމިއްޔާތަކުގެ ތެރެއިން މަސައްކަތް އެކަށީގެންވާ ގޮތަށް ނުހިނގާ ހުރި ޖަމިއްޔާތަކަށް ހަރަކާތްތެރިވާ އިތުރު މުއްދަތެއް ދޭން ނިންމައި ޖަމިއްޔާތަކުން އެދިފައިވާ ގޮތަށް ދަފުތަރު އަދާހަމަކުރުމުގެ މަސައްކަތް ޔޫތު މިނިސްޓްރީން އަލުން ފަށައިފި އެވެ.

އެ މިނިސްޓްރީން ބުނީ ރަޖިސްޓްރާ އަށް ހުށަހަޅަން ޖެހޭ ލިޔެކިއުންތައް ގަވާއިދުން ހުށަހަޅާފައި ނުވުމުގެ ސަބަބުން ހުއްޓިފައިވާ ޖަމިއިއްޔާތައް އެކްޓިވް ކުރުމަށް، ހުށަހަޅަން ޖެހޭ ލިޔެކިއުންތައް ހުށަހެޅުމަށްޓަކައި އިތުރު ފުރުސަތެއް ދޭން މިހާރު ނިންމާފައިވާ ކަމަށެވެ.

މި ފުރުސަތު ހުޅުވައިލީ 1971-1991 އަށް ރަޖިސްޓްރީ ކުރެވި، އިންއެކްޓިވް ވެފައިވާ 55 މަދަނީ ޖަމްއިއްޔާ އަށެވެ.

އެގޮތުން އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީކުރި ޖަމިއްޔާތަކަށް ލިޔެކިއުންތައް ހުށަހެޅުމަށް 6 މަސް ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ. އެ މުއްދަތު ހަމަވާނީ މި އަހަރުގެ ޖުލައި 20 ގަ އެވެ.

އިތުރު ފުރުސަތުދެވޭ ފުރަތަމަ 55 މަދަނީ ޖަމްއިއްޔާގެ ލިސްޓް އާންމުކޮށްފައިވާ އިރު މި މުއްދަތު ތެރޭގައި ޖަމްއިއްޔާ އެކްޓިވް ނުކުރާނަމަ، އެފަދަ ޖަމްއިއްޔާތައް ޤާނޫނު 3/2022 ގެ 69 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ.

އެހެންވެ ހަރަކާތްތެރި ނޫން ޖަމިއްޔާތަކުގެ ތެރެއިން، ޖަމްއިއްޔާ އެކްޓިވް ކުރުމަށްޓަކައި ލިޔެކިޔުން ފުރިހަމަކުރަން ބޭނުންވާ ޖަމްއިއްޔާތަކުން ލިޔުންތައް އަށް އީމެއިލް ކުރަން ޖެހެނީ މި މެއިލް [email protected] އަށެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު 4000488 އަދި 4000497 އިން ހޯދޭނެ އެވެ.