Last Updated: May 8, 06:41
Thursday, May 8, 2025
ރިޕޯޓް

މިއަދުގެ ހާއްސަ: ފޭރު

ފޭރަކީ ރާއްޖޭގައި އާންމުކޮން ބޭނުން ކުރާ، ގިނަ ބަޔަކަށް މީރު މޭވާ އެކެވެ. ފޭރުގެ އޮށް ހުންނާނީ ކަރުގަނޑުގެ ތެރޭގަ އެވެ. އެގޮތުން ފޭރުގައި ގިނަ އަދަދަކަށް އޮށް ހުރެ އެވެ.

ދިވެހި ބަހަށް "ފޭރު" މިނަން ނެގިފައި ވަނި ބަންގާޅީ ބަހުން ކަމަށް ވެސް ބުނެވެ އެވެ. އެއީ ބަންގާޅީ ބަހުން ފޭރަށް ކިޔަނީ "ޕޭރަ" މިހެން ކަމަށް ވާތީ އެވެ. ދިވެހިން ފޭރު ބޭނުން ކުރަނީ ކެއުމަށާއި، ފަނިގިރުމަށެވެ. ހުސްފޭރު ދޮންކޮށާއި، ގަބުޅިކޮށް ހުންނައިރު ވެސް ދިވެހިން ކައިއުޅެ އެވެ. ފޭރުގަހުގެ ބައިތަކަކީ ކުރީ ޒަމާނުގެ ގަދީމީ ބޭސްވެރިކަމުގައި ބޭނުންކޮށް އުޅުނު ބާވަތްތަކެއް ކަމަށް ވެ އެވެ.

ފޭރުގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. އެކި ދިރާސާތަކުން ދައްކާ ގޮތުގައި މިހާތަނަށް 100 އަށް ވުރެ ގިނަ ވައްތަރު ފޭރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ކަމަށް ފާހަގަކުރެވިފައިވެ އެވެ. އެހެން ނަމަވެސް ރާއްޖެގައި ފޭރު ގެ މާ ގިނަ ވައްތަރުތައް ހުންނަކަމަށް ފާހަގަ ކުރެވިފައެއް ނުވެއެވެ.

މިހާރަކަށް އައިސް ރާއްޖެއިން ބެރުގެ ބައެއް މުޑުވައްތައް ރާއްޖޭގައި ވެސް ހައްދާ އުޅެއެވެ. ފޭރުގެ ވައްތަރު ތަކުގެ ތެރޭގައި
ހުދު ފޭރު، ރަތް ފޭރު، ރަންގު ފޭރު އަދި މި ނޫނަސް ތަފާތު ކުލަ ކުލައިގައި އެތެރެ ހުންނަ ފޭރުތައް ހިމެނެ އެވެ.

ފޭރުން ލިބޭ ފައިދާ:

ފޭރަކީ ވިޓަމިން ސީ އަދި ވިޓަމިން އޭގެ މާއްދާތަކުން މުއްސަނދިވެފައިވާ މޭވާއެކެވެ.ވިޓަމިން ސީއަކީ ހަށިގަނޑަށް ވަރަށް މުހިންމު މާއްދާއެކެވެ. މިގޮތުން ހަށިގަނޑުގައި ހުންނަ ޓިޝޫ އާކުރުމުގައި ވިޓަމިން ސީގެ ރޯލު ވަރަށް ބޮޮޑެވެ.

އެންމެ ފޭރެއްގައި ގާތްގަނޑަކަށް 126 މިލިގުރާމުގެ ވިޓަމިން ސީ ހު ރެއެވެ. އަދި ސައިންސް ވެރިންގެ ހޯދުންތަކުން ދައްކާ ގޮތުގައި ދުވާލަކު 400 ގުރާމުގެ ފޭރު ކާނަމަ، ލޭގައި ހިމެނޭ ހަކުރުގެ މިންވަރު ދަށްކޮށް ދެ އެވެ. އަދި ކޮލެސްޓްރޯލްގެ މިންވަރު ހަށިގަނޑުން ދަށްކޮށްދެ އެވެ.

މީގެ އިތުރުން ފޭރުގައި ހިމެނޭ އިތުރު ފައިދާތަކަށް ބަލައިލާއިރު ވިޓަމިންސް އަދި މިނަރަލްސްގެ ތެރޭގައި މެގްނީސިއަމް، ކެލްސިއަމް، ވިޓަމިން ބީ ސިކްސް ވިޓަމިން އޭ އަދި ފޮސްފޮރަސް ހިމެނެ އެވެ. މީގެ ސަބަބުން ހަމުގެ މައްސަލަތަކާއި، ރާއްޖެބަލީގެ ކަންކަމަށްވެސް ފަރުވާއަކަށްވެ އެވެ.

ފޭރުން ލިބޭ ފައިދާ ގެ އިތުރުން ފޭރު ގަހުގެ ފަތަކީ ވެސް ވަރަށް ގިނަ ފައިދާހުރި އެއްޗެކެވެ. މިގޮތުން ބޭރަށްހިންގާ، މީހުން ފޭރުފަތް ބޭނުން ކުރުމުން، އެންމެ އާންމުކޮށް ބޭރަށް ހިންގުމުގެ ސަަބަބެއް ކަމުގައިވާ ބެކްޓީރިއާ ސްޓެފިލަކޯކަސް އެރޭއަސް ފެެތުރުން ހުއްޓުވައި ދިފާއީ ނިޒާމް ސާފުކޮށްދެ އެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު ފޭރަކީ ކެއުމަށް ހަމަ އެންމެ ރަނގަޅު އެއް މޭވާ އެވެ. އެހެން ކަމުން ފޭރު ރާއްޖޭގައި އިންދާ، ހެއްދުން ވަރަށް މުހިންމެވެ. އޭރުން ރާއްޖޭން ބޭރުން އެތެރެކުރާ މިންވަރު ދަށްކުރެވި ކާނާގެ ރައްކާތެރިކަން ކަށަވަރު ވެގެންދެ އެވެ.

މައުލޫމާތު: އެގްރިކަލްޗަ މިނިސްޓްރީ