Last Updated: May 7, 21:21
Wednesday, May 7, 2025
ދުނިޔެ

ރޯވި ތުރުކީގެ ހޮޓާގެ ވެރިޔާ ހައްޔަރަށް

ތުރުކީގެ ބޯލޫގެ ފަރުބަމަތީގެ ރިސޯޓް ހޮޓަލެއްގައި އިއްޔެ ރޯވެ ގިނަ އަދަދެއްގެ ބަޔަކު މަރުވި ހާދިސާއާ ގުޅިގެން 9 މީހަކު ހައްޔަރުކޮށްފި އެވެ.

މީޑިއާތަކުން ބުނީ ހައްޔަރުކުރި މީހުންގެ ތެރޭގައި ރޯވި 12 ބުރީގެ ހޮޓާ، ގްރޭންޑް ކަރްތާން ހޮޓެލްގެ ވެރިޔާ ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް ހައްޔަރުކުރި މީހުންނާ ބެހޭ އިތުރު ތަފުސީލުތަކެއް ހާމަކޮށްފައެއް ނުވެ އެވެ.

މި މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހޮޓަލުގައި ރޯވި ހާދިސާގައި 76 މީހަކު މަރުވެފައިވާ އިރު، އޭގެ ތެރޭގައި ކުޑަކުދިންތަކެއް ވެސް ހިމެނެ އެވެ. ހޮޓަލުގެ ހަތަރު ވަނަ ބުރީގެ ރެސްޓޯރަންޓެއްގައި ރޯވެ، މުޅި ހޮޓަލަށް އަލިފާން ފެތުރުނު އިރު، އެތަނުގައި 234 މީހަކު ތިއްބެވެ. މީޑިއާތަކުން ބުނީ ލަކުނޑިން ހަދާފައިވާ ހޮޓަލުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވުނީ 12 ގަޑިއިރު ފަހުން ކަމަށެވެ.

އެ ހާދިސާގައި 51 މީހަކު ޒަހަމްވެފައިވާ އިރު، މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ބެލެވެ އެވެ. އެގޮތުން އަދިވެސް ހޮޓަލުގެ ތެރެއިން މީހުން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން ތުރުކީގައި ގައުމީ ހިތާމަ އިއުލާންކޮށް، ދިދަ ވަނީ ބައި ދަނޑިއަށް ދިރިކޮށް އެވެ. އަދި އަލިފާން ރޯވި ހޮޓާ ހުރި ސަރަހައްދަށް ތުރުކީގެ ބޮޑުވަޒީރު ރަޖަން ތައްޔިބް އުރްދުގާން މިއަދު ޒިޔާރަތްކުރައްވާ ގޮތަށް ހަމަޖެހިފައިވެ އެވެެ.