Last Updated: May 7, 20:47
Wednesday, May 7, 2025
ޚަބަރު

ވަޑިންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސަނީ

އޮޑިފަހަރު ބަންނަ ވަޑިންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ބޭންކިން ނިޒާމުގެ ތެރެއިން ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ އިންނަމާދޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އޮޑި އަދި ޔޮޓްފަހަރު ބަނުންފަދަ މާވަޑި ކަމުގެ މަސައްކަތަކީ އިގްތިސާދީ ތަރައްގީއަށް ވަރަށް މުހިއްމު ކަމެއް ކަމަށާއި މި ދާއިރާގައި މައިގަނޑު ގޮތެއްގައި އޮތް ދަތިކަމަކީ ފައިސާ ހޯދައިގެން އެ ދާއިރާގައި މަސައްކަތްތައް ކުރިއަށް ގެންދިޔުން ކަމަށެވެ.

"މިރޭ ކުރެވުނު މަޝްވަރާގެ އަލީގައި އަދި މި ދެންނެވިި ސިޔާސަތުގެ ތެރެއިން އެއް ކަމަކަށް މި ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންނަށް ބޭނުންވާ ކަންކަމުގެ ތެރެއިން ލުއި ގޮތެއްގައި ރަހުނަކާ ނުލައި ލޯނު ނެގޭނެ ގޮތް ބޭންކިން ނިޒާމު ތެރެއިން ހަމަޖައްސައިދޭނެ ކަމަށް ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އޭރުން މި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް މި ދާއިރާ ފުޅާކުރަން ފުރުސަތު ލިބޭނެ އެވެ. އަދި މި ދާއިރާގައި ދިވެހިން ގެންގުޅެން ބޭނުން ނުވާ ކަމަށާއި މިއީ ދިވެހިންނަށް ހާއްސަކުރަން ބޭނުންވާ ދާއިރާއެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ނަމަވެސް މި ފަންނަ ނިކުތުމުގައި ޒުވާނުންނަށް ހުރަސްތަކެއް އެބަހުރި ކަމަށާއި އެކަން ހައްލުކުރަން އިންނަމާދޫގައި މި ދާއިރާއިން މީހުން ތަމްރީނު ކުރަން މަރުކަޒެއް ގާއިމުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަސައްކަތް ކުރައްވާނީ ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ތެރެއިން، އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކަމަށް ބޭނުންވާ ކަންކަން ހަމަޖައްސައިދީގެން ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއީ ދިވެހިންނަށް ހާއްސަ، ދިވެހިން އެކަނި މަސައްކަތް ކުރާ ދާއިރާއެއްގެ ގޮތުގައި ތަމްރީންވެގެން އަންނަ ދިވެހިން އިތުރުވެގެންދާ ދާއިރާއަކަށް ވާތަން ދެކެން ބޭނުން. އެކަމަށް ސަރުކާރުން ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ދަންނަވަން." ރައީސް ވިދާޅުވި އެވެ.