Last Updated: February 18, 20:43
Tuesday, February 18, 2025
ކުޅިވަރު

ޗެމްޕިއަންސް ލީގުން ސިޓީ ކެޓުމުގެ ބިރު ބޮޑުވެއްޖެ

ޕީއެސްޖީ އަތުން 4-2 އިން ބަލިވެ މެންޗެސްޓާ ސިޓީ، ޗެމްޕިއަންސް ލީގުން ކެޓުމުގެ ބިރު ބޮޑުވެއްޖެ އެވެ.

ލީގު އުސޫލުން ކުރިއަށްދާ ޗެމްޕިއަންސް ލީގުގައި މިފަހަރު 36 ޓީމެއް ވާދަކުރާއިރު، ކޮންމެ ޓީމަކުން ވެސް ޖުމްލަ އަށް މެޗު ކުޅޭނެ އެވެ. ލީގު ބުރު ނިމޭއިރު އެންމެ ގިނަ ޕޮއިންޓު ހޯދާ ގަދަ އަށް ޓީމު މުބާރާތުގެ ގަދަ 16 އަށް ދަތުރުކުރާނެ އެވެ.

އަދި ނުވަ ވަނައިން ފެށިގެން 24 ވަނަ އާ ދެމެދުގައި ހިމެނޭ ޓީމުތައް ދެވަނަ ބުރަށް ދިޔުމަށް ކުޅޭނީ ޕްލޭއޮފް ބުރެކެވެ. އޭގެެއިން މޮޅުވާ އަށް ޓީމަކަށް ގަދަ 16 އިން ޖާގަ ލިބޭނެ އެވެ.

ރޭގެ މެޗުން ބަލިވުމުން ސިޓީ މިވަގުތު އޮތީ 7 މެޗުން ލިބުނު 8 ޕޮއިންޓާ އެކު ތާވަލުގެ 25 ވަނަ މަގާމުގަ އެވެ. ލީގު ބުރުގައި ސިޓީ އަށް ދެން ބާކީ އޮތީ އެންމެ މެޗެކެވެ. އެ މެޗުގައި ސިޓީ ނިކުންނާނީ ކްލަބް ބްރޫޖްއާ ދެކޮޅަށް ކަމަށްވާއިރު، އެ މެޗުން ސިޓީއަށް މޮޅު ނުވެވިއްޖެ ނަމަ، އެޓީމު މުބާރާތުން ކަޓާނެ އެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، ދެވަނަ ހާފްގެ ކުރީކޮޅު ސިޓީން ވަނީ ދެ ގޯލު ކާމިޔާބުކޮށްފަ އެވެ. ސިޓީގެ ފުރަތަމަ ގޯލު ޖެކް ގްރީލިޝް ކާމިޔާބުކޮށްދިން އިރު، ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އާލިން ހާލަންޑް އެވެ. ނަމަވެސް ކައިރި ކައިރީގައި ދެ ގޯލު ކާމިޔާބުކޮށް ޕީއެސްޖީން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ދެ ގޯލު ޕީއެސްޖީ އަށް ކާމިޔާބުކޮށްދިނީ އޮސްމާނޭ ޑެމްބެޕޭ އަދި ބްރޭޑްލީ ބާކޯލާ އެވެ.

މި ދެ ގޯލަށް ފަހު ވެސް ޕީއެސްޖީން ދިޔައީ ސިޓީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ 78 ވަނަ މިނެޓްގައި ޖައޯ ނެވޭސް ޕީއެސްޖީ އަށް ލީޑު ނަގައިދިން އިރު، ޕީއެސްޖީގެ ފަހު ގޯލު މެޗުގެ ފަހު ސިކުންތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި ގޮންސާލޯ ރާމޯސް އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ޑައިނަމޯ ޒަގްރެބް 3-0 އިން ބަލިކޮށް، އާސެނަލުން ވަނީ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފަ އެވެ.