Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ރައީސް މުއިއްޒަށް ރައްޔިތުންގެ ލޯބި އިތުރުވެއްޖެ

ރައީސް ޑރ. މުއިއްޒާއި، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުންގެ ލޯބި އިތުރުވެފައިވާ ކަމަށް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ރައީސް މުއިއްޒާއި ވެރިކަން ހަވާލުވިއިރު ޤައުމުގެ މާލީ ނިޒާމު އޮތީ އަނދަވަޅެއްގައި ކަމަށާއި ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިންގުން އޮތީ އެފުށް މި ފުށަށް ޖެހިފައި ކަމަށެވެ.

ނަމަވެސް މައްސަލަތައް ހައްލުކުރުމުގައި ރައީސް އިސްކުރެއްވީ ކެތްތެރިކަން ކަމަށާއި ބުރަ މަސައްކަތް ކަމަށް ސައީދު ވިދާޅުވި އެވެ. އޭގެ ސަބަބުން އެމަނިކުފާނަށް ރައްޔިތުންގެ ލޯތްބާއި އިހުތިރާމް އިތުރުވެގެން ގޮސްފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު މިހެން ވިދާޅުވި އިރު، މާލީ ކަންކަމުގެ ސަބަބުން މިދިޔަ އަހަރު ތަރައްގީގެ ޕްރޮޖެކްޓުތައް އެންމެ ބޭނުންވި ސްޕީޑުގައި ކުރިއަށް ނުގެންދެވުނު ނަމަވެސް، މިއީ މުޅި ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ އަހަރު ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން މިއަހަރު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އަތޮޅުތަކުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ރައީސް ގެންދަވަނީ އެކި ރަށްތަކުގައި ކުރިއަށް ގެންދަން ނިންމާފައިވާ ހައުސިން މަޝްރޫއުތަކުގެ މައުލޫމާތު ރައްޔިތުންނާއި ހިއްސާކުރައްވަމުންނެވެ.