ވާހަކަ ދެއްކުމުގެ ހުނަރު ދަސްކޮށްދޭ ކޯހެއް އެމްޑީޕީން ރޭ ފަށައިފި އެވެ.
އެމްޑީޕީން ބުނީ އެ ޕާޓީގެ ރޯޑްމެޕްގެ ދަށުން ގާއިމުކޮށްފައިވާ ޓްރެއިނިން އެކެޑެމީއިން ފަށާ ފުރަތަމަ ތަމްރީނު ޕްރޮގްރާމް ކަމަށްވާ ވާހަކަ ދެއްކުންތެރިކަމުގެ ހުނަރު ދަސްކޮށްދިނުމުގެ ކޯސް ރޭ އެ ޕާޓީގެ އޮފީހުގައި އިފްތިތާހުކޮށްފައިވާ ކަމަށެވެ.
މި ކޯސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ އިތުރުން ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވީ އެމްޑީޕީއަކީ ސުލަޙަވެރި ސިޔާސީ ޙަރަކާތް ރާއްޖެއަށް ތަޢާރަފްކޮށް، ޕާޓީ ހިންގުމުގައި އީޖާދީ ވިސްނުން ގެންގުޅޭ ޕާޓީއެއް ކަމަށެވެ. އެމްޑީޕީގެ ޓްރޭނިން އެކެޑެމީއަކީ މުސްތަޤްބަލުގައި ރާއްޖޭގެ ސިޔާސީ މައިދާނަށް ގިނަގުނަ ފައިދާތަކެއް ގެނެސްދޭނެ މަރުކަޒެެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.
"އެކެޑަމީން ފެށި ފުރަތަމަ ތަމްރީން ޕްރޮގްރާމް ކަމަށްވާ ވާހަކަ ދެއްކުމުގެ ހުނަރު ދަސްކޮށް ދިނުމުގެ ކޯސް އިފްތިތާޙް ކުރުމުގައި ބައިވެރިވުމަކީ ލިބުނު އުފަލެއް،" ޝާހިދު ވިދާޅުވި އެވެ.
ސިޔާސީ މީހުން ތަމްރީނު ކުރަން އެމްޑީޕީން އެކެޑެމީއެއް ހެދުމަށް ނިންމިކަން އިއުލާންކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގަ އެވެ.
އެ ޖަލްސާގައި ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ މި އެކެޑެމީގެ ބޭނުމަކީ ސިޔާސީ މައިދާނަށް ނިކުމެފައި ތިބި ބޭފުޅުންނާއި އަދި ނިކުންނަވަން ތިބި ބޭފުޅުންނަކީ ގާބިލު އަދި ސިޔާސީ ކަންކަމަށް ރޯފިލާފައި ތިބި ބަޔަކަށް ހެދުން ކަމަށެވެ. އަދި މި އެކެޑެމީ އަކީ ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓްރީ ކުރެވިގެން ހިންގޭ ތަނެއްގެ ގޮތުގައި ހެދުމަށް ބޭނުންވާ ކަމަށްވެސް ވިދާޅުވި އެވެ.