Last Updated: July 15, 18:06
Thursday, July 16, 2026
މުނިފޫހިފިލުވުން

ކެރިއަރުގެ އެންމެ ބޮޑު ފިލްމަށް އާރްޖީވީ ތައްޔާރު

ކެރިއަރުގެ އެންމެ ބޮޑު ފިލްމަށް ތައްޔާރުވަމުން އަންނަ ކަމަށް ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާ (އާރްޖީވީ) ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އަށް އޭނަ ބުނީ އާ ފިލްމުގެ ނަމަކީ "ސިންޑިކޭޓް" ކަމަށާއި މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ އިންޑިއާ މީހުންގެ މެދުގައި އުފެދެމުންދާ ބައިބައިވުންތަކުގެ ސަބަބުން ގައުމަށް ކުރިމަތިވަމުންދާ ތަފާތު މައްސަލަތަކަށް ކަމަށެވެ. ޑައިރެކްޓަރެއްގެ އިތުރުން ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ އާރްޖީވީ ބުނީ ފިލްމުގެ ކާސްޓުން ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ލަސްތަކެއް ނުވެ "ސިންޑިކޭޓް" ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ބުންޏެވެ.

އާރްޖީވީ ބުނި ގޮތުގައި މި ފިލްމު ވާނީ ކެރިއަރުގެ އެންމެ ބޮޑު ފިލްމަށެވެ. އަދި "ސިންޑިކޭޓް" ވާނީ ސިނަމާގައި ކުރިން އޭނަ ހެދިފައި ހުރި ހުރިހާ ގޯސްތަކެއް ދޮވެލާނެ ފިލްމެއް ކަމަށް ބުންޏެވެ.

މިހާރު ވަރަށް މަދުން ނޫނީ ފިލްމުތައް ނަހަދާ 62 އަހަރުގެ ޑައިރެކްޓަރުގެ ކެރިއަރުގެ ވަރަށް ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވެ އެވެ. އޭގެ ތެރޭގައި "ރަންގީލާ"، "ސަތިއާ"، "ޖަންގަލް"، "ބޫތު" އަދި "ސަރުކާރު" ޓްރިލޮޖީ ހިމެނެ އެވެ.

ބޮލީވުޑްގެ އިތުރުން ތެލެގޫ ފިލްމުތައް ވެސް ހަދާ އާރްޖީވީ އެންމެ ފަހުން ގެނެސްދިން ހިންދީ ފިލްމަކީ 2022 ގެ "ލަޅްކީ: ޑްރެގަން ގާލް" އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ތެލެގޫ ފިލްމު "ވިއުހަމް" އެވެ.