މި ސަރުކާރިުން އަތޮޅުތަކުގައި ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކޮންޓްރެކްޓަރުން ހޯދަން އަންނަ ހަފުތާގެ ތެރޭގައި ބީލަމަށް ހުޅުވައިލަން ތައްޔާރުވަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
އޭނަ ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ވިދާޅުވީ ތައްޔާރު ވަނީ އެކި ހިސާބުތަކުގައި އެއްފަހަރާ ގިނަ އަދަދެއްގެ ހައުސިން ޔުނިޓް މަޝްރޫތައް ހިންގުމަށް ކޮންޓްރެކްޓަރުން ހޯދުމަށް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިކަމާ ގުޅޭ ޓެކްނިކަލް މަސައްކަތްތައް ފިނޭންސް މިނިސްޓްރީއާ އެކު ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ބީލަމަށް ހުޅުވައިލާނީ ދިވެހި ކުންފުނިތަކުގެ އިތުރުން ބޭރުގެ ކުންފުނިތަކަށް ވެސް ކުރިމަތިލެވޭ ގޮތަށެވެ.
"އަންނަ ހަފުތާގައި ޓެންޑަރިން ޕަބްލިޝް ކުރެވޭނެ. މަޝްރޫޢުތައް ގެންދާނެ ބަޖެޓުން ވެސ.، ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ވެސް. އަދި ކޮންޓްރެކްޓަރާއި ދަޢުލަތުގެ ބަޖެޓުން ބައެއް ހިމެނޭ ގޮތަށް ވެސް ގެންދާނަން،" މުއްތަލިބް ވިދާޅުވި އެވެ. "އަދި ބައެއް ޕްރޮޖެކްޓްތަކަށް ލޯނު ފެސިލިޓީވެސް ހޯދާނެ."
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުގެ ދަށުން ރާއްޖޭގެ އުތުރުގައި 20،000 ހައުސިން ޔުނިޓާއި ދެކުނުގައި 20،000 ހައުސިން ޔުނިޓް އަޅަަން ހަމަޖެހިފައިވެ އެވެ.
މި އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމާ ގުޅޭ މަސައްކަތްތަކަށް 2.5 ބިލިއަން ރުފިޔާ ވަނީ ހިމަނާފައިވާ އިރު، އޭގެ ތެރެއިން 1 ބިލިޔަން ރުފިޔާ ހާއްސަކޮށްފައި ވަނީ އުމްރާނީ ތަރައްގީއަށެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި މި އަހަދުގެ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެކެވެ.
ބ. އޭދަފުށީގައި 1،000 ހައުސިން ޔުނިޓް އަޅަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ސައިނޮހައިޑްރޯއާ އެކު ސޮއިކޮށްފައިވެ އެވެ.