ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ ނޭޕާލްގެ މައުންޓް އެވަރެސްޓަށް އަރާ މީހުންގެ އަތުން ނަގާ ފީ ބޮޑުކުރަން ނިންމައިފި އެވެ.
އެ ގައުމުގެ ޑިޕާޓްމަންޓް އޮފް ޓޫރިޒަމްގެ ޑިރެކްޓަ ޖެނެރަލް ނާރާޔަން ޕްރަދާސު ރެގްމީ އިއްޔެ ވިދާޅުވީ އަންނަ ސެޕްޓެމްބަރުން ފެށިގެން ޕީކް ސީޒަނުގައި ފަރުބަދަ އަށް އަރާ މީހުންގެ އަތުން ނަގާނީ 15،000 ޑޮލަރު ކަމަށެވެ. މިހާތަނަށް ޕީކް ސީޒަންގައި ފީއަކަށް ނަގަމުން އައިސްފައި ވަނީ 11،000 ޑޮލަރެވެ. އެހެންވެ މިއީ 36 ޕަސެންޓްގެ އިތުރުވުމެކެވެ.
މީގެ އިތުރުން އެޕްރީލާއި މެއި މަހުގެ ތެރޭގައި މައުންޓް އެވަރެސްޓަށް އަރާ މީހުންގެ އަތުން ނަގާ ފީ ވެސް ހަމަ އެ ނިސްބަތުން ބޮޑުކޮށްފައިވެ އެވެ. އަދި ސެޕްޓެމްބަރާއި ނޮވެމްބަރާ ދޭތެރޭ ނަގާނީ 7،500 ޑޮލަރެވެ. މީގެ އިތުރުން ޑިސެމްބަރާއި ފެބްރުއަރީ މަހާ ދެމެދު ނަގާނީ 3،700 ޑޮލަރެވެ.
މައުންޓް އެވަރެސްޓަށް އަރާ މީހުންގެ އަތުން ނަގާ ފީ އެންމެ ފަހުން ބޮޑުކޮށްފައި ވަނީ މީގެ 10 އަހަރު ކުރިންނެވެ. އެވަރެސްޓަށް އަރާ މީހުންގެ އަތުން ނަގާ ފީ އަކީ އެ ގައުމުގެ އާމްދަނީގެ ހަތަރު ޕަސެންޓެވެ.
އެވްރެޖްކޮށް އަހަރެއްގެ ތެރޭގައި އެ ފަރުބަދަ އަށް އަރަން 300 މީހުންނަށް ހުއްދަ ދެ އެވެ. މައުންޓް އެވަރެސްޓަށް ގިނަ ބަޔަކު އަރާ އިރު، ނޭޕާލަށް މިކަމުގައި ދިމާވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ފަރުބަދަ އަށް އަރާ މީހުންގެ އޭގެ މައްޗަށް ދޫކޮށްލާ އެކި ބާވަތުގެ ކުނިބުނި ހިމެނެ އެވެ.
އެގޮތުން ކޮންމެ އަހަރަކު ފަރުބަދަ ސާފުކުރަން ބޮޑު ހަރަކާތެއް ހިންގަ އެވެ.