Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ފައިނު އެއާޕޯޓުގެ މަސައްކަތް އަންނަ މަހު އެމްޓީސީސީއަށް

ފައިނު އެއާޕޯޓުގެ މަސައްކަތް ކުރުމަށް އަންނަ މަހު އެމްޓީސީސީއާ އެކު އެއްބަސްވުމަށް ނިންމާފައިވާ ކަމަށް ރައީސް މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފި އެވެ.

ރައީސް މިކަން އިޢުލާންކުރެއްވީ، ރ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ޒިޔާރަތުގެ ތެރެއިން، ފައިނު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި މަސައްކަތްކުރައްވާނީ، މިއަދު އިފްތިތާޙުކުރެއްވި ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތަށް ހުއްޓުމެއް ނާންނާނޭ ގޮތަށް އެއާޕޯޓު އެޅުމަށް ބޭނުންވާ ޖާގަ ހޯއްދަވައިގެން ކަމަށެވެ.

މިއީ އެ ރަށާއި އެ ސަރަޙައްދުގެ އިޤްތިޞާދީ ކުރިއެރުމަށް އޮތް ފުރުޞަތެއް ކަމަށާއި، މިއީ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރެވޭ އިންވެސްޓްމަންޓަކަށް ވެގެންދާނޭކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ދެން އެރަށަށް ވަޑައިގަންނަވަން އުންމީދުކުރައްވަނީ އެއާޕޯޓު ހުޅުވުމަށްކަމަށްވެސް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި، ފައިނުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކައުންސިލް އިދާރާ މެދުވެރިކޮށް ކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އާއި އެ ރަށު ކައުންސިލާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.