Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުކުރެވިފައިވާ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރު ކުރެވިފައިވާ ފަރާތްތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި މެންބަރުންގެ މަޢުލޫމާތު ހިމެނޭ ލިސްޓު އާންމުކޮށްފައިވާ ކަމަށެވެ. މި ލިސްޓަށް ޝަކުވާ ހުށަހަޅާނީ މައި ޕޯޓަލް (my.elections.gov.mv) ނުވަތަ ޝަކުވާ ޕޯޓަލް (ppr.elections.gov.mv) މެދުވެރިކޮށް އޮންލައިންކޮށެވެ.

މި ލިސްޓު ކޮމިޝަނުގެ ވެބްސައިޓު (www.elections.gov.mv) ގައި ޢާންމުކޮށް ފެންނަން ހުންނާނެ އެވެ.

ޝަކުވާ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާއިރު، ޝަކުވާ ހުށަހަޅަން އެދޭ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އަދި އިލެކްޝަންސް ކޮމިޝަނުގެ ޝަކުވާ ޕޯޓަލްގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަކޮށް ސާފު ފޮޓޯއެއް ހުށަހަޅަންޖެހެ އެވެ.

މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

އީސީން މިދިޔަ ޑިސެމްބަރު 31 އާ ހަމައަށް އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިހާރު ރާއްޖޭގައި އެންމެ މެމްބަރުން ގިނަ ޕާޓީއަކީ ޕީއެންސީ އެވެ. ޕީއެންސީގައި މިވަގުތު 68،968 މެންބަރުން އެބަ ތިއްބެވެ.

ދެ ވަނައަށް މިވަގުތު އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު އެމްޑީޕީގަ އެވެ. މީގެ ކުރިން އެންމެ ގިނަ މެންބަރުން ތިބި ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީގައި މިހާރު ތިބި މެމްބަރުންގެ އަދަދަކީ 43،755 އެވެ. ތިން ވަނަ އަށް އެންމެ ބޮޑު ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީގައި މިހާރު ތިބި މެމްބަރުންގެ އަދަދަކީ 13،826 އެވެ.