Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ހުރިހާ އަތޮޅެއްގައި ޕަބްލިކް ވޯކްސްގެ ހިދުމަތް ފަށަނީ

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މިއަހަރު ޕަބްލިކް ވޯކްސްގެ ހިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ އެންމެފަހު މަންޒިލް ކަމަށްވާ، މާކުރަތު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވޯކްސްގެ އެއް މަރުކަޒު ބެހެއްޓުމަކީ މެނިފެސްޓޯގައި ހިމެނޭ ކަމެއް ކަމަށާއި މިހާރު ހުރި ޕަބްލިކް ވޯކްސް މަރުކަޒުތަކަކީ ވަރަށް ދުވަސްވެފައި ހުރި ތަންތަން ކަމަށްވާއިރު އެއްގޮތަކަށް ވެސް ޕަބްލިކް ވޯކްސް މަރުކަޒުތައް ނެތް އަތޮޅުތައް ވެސް އެބަހުރި ކަމަށެވެ.

"ކޮންމެ އަތޮޅެއްގައި މިއަހަރު ޕަބްލިކް ވޯކްސް ސައިޓެއް ހެދިގެންދާނެ، ހުރިހާ މެނިޝަރީސް ތަކެތި ފުރިހަމަ ކުރެވިފައި ހުންނަ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގިނަ އިންފްރާސްޓްރަކްޗާ މަޝްރޫތައް ހިންގަނީ ވަރަށް ގިނަ ހަރަދުތައްކޮށްގެން ކަމަށާއި އެ ތަންތަން ރަނގަޅަށް ބެލެހެއްޓުމަކީ ވެސް މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން މެއިޓެނެންސް މަސައްކަތްތަކާއި ރަށްރަށުގައި ހުންނަ ކުދިކުދި މަސައްކަތްތައް ކުރުމުގައި ޕަބްލިކް ވޯކްސް ވަރަށް ބޮޑު ދައުރެއް އަދާކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.

ހުރިހާ އަތޮޅެއްގައި ޕަބްލިކް ވޯކްސްގެ ހިދުމަތް ފެށުމަށް ނިންމާފައިވާއިރު، ރާއްޖޭގެ އުތުރާއި ދެކުނުގައި ޕަބްލިކް ވޯކްސްގެ މޮބައިލް ދެ ޔުނިޓް ހަމަޖެއްސުމަށް ބަޖެޓުގެ ތެރެއިން ކަނޑައަޅާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އޭރުން ކުރިއަށް އޮތް އަހަރުތަކުގައި މާރާމާތު ނުކޮށް ހުރުމުގެ ސަބަބުން ބޮޑު ހަރަދެއްކޮށްފައި، އަލުން ތަންތަން ހަދަންޖެހޭ ހެދުން ކުޑަވެގެންދާނެ. އަސްލު މިއީ ހަގީގަތުގައި ވެސް ވަރަށް ބޮޑު އިންވެސްޓްމެންޓެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ޕަބްލިކް ވޯކްސް ސައިޓުތައް ހެދުމަކީ ބޭކާރުވެގެންދާނެ ހަރަދެއް ނޫން ކަމަށާއި ޕަބްލިކް ވޯކްސް ނިޒާމު ގާއިމުކުރެވުމުން ކުރިއަށް އޮތް ތަނުގައި ރަށްރަށުގައި ހުންނަ އިންފްރާސްޓްރަކްޗާ ތަންތަން ބެލެހެއްޓުމަށް ކުރަންޖެހޭ ހަރަދުތައް ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.