Last Updated: July 15, 18:06
Thursday, July 16, 2026
މުނިފޫހިފިލުވުން

'ޕެރަސައިޓް' ގެ ޑައިރެކްޓަރުގެ އާ ފިލްމު މާޗްގައި

އޮސްކާ އެވޯޑްސްގެ ތާރީހި ބަދަލުކޮށް ދެކުނި ކޮރެއާގެ ފިލްމު ""ޕެރަސައިޓް" ގެނެސްދިން ކުޅަދާނަ ޑައިރެކްޓަރު ބޮންގް ޖޫން ހޯގެ އާ ފިލްމު "މިކީ 17" އަންނަ މާޗް 7 ގައި ސިނަމާތަކަށް ގެންނަން ނިންމައި ފިލްމުގެ ރަސްމީ ޕޯސްޓަރު ދައްކާލައިފި އެވެ.

"ޓްވައިލައިޓް" ގެ ފިލްމުތަކުން ވިދި ހޮލީވުޑްގެ މަޝްހޫރު ތަރި ރޮބަޓް ޕެޓިންސަން ބަތަލުގެ ރޯލު ކުޅެފައިވާ މި ސައިންސް ފިކްޝަން ފިލްމު ކުރިން ރިލީޒްކުރަން ނިންމާފައި އޮތީ މިދިޔަ އަހަރުގެ އެޕްރީލް 29 ގަ އެވެ. ނަމަވެސް ފަހުން މި އަހަރަށް ފަސްކޮށް، ޖެނުއަރީ 31 ގައި ރިލީޒްކުރަން ތާވަލުކޮށްފި އެވެ.

ނަމަވެސް ވޯނާ ބްރޮސް އިން އިއްޔެ ބުނީ "މިކީ 17" ސިނަމާތަކަށް އަންނާނީ އަންނަ މާޗް 7 ގައި ކަމަށެވެ.

ގިނަ ބަޔަކު ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ މި ފިލްމުގެ ކާސްޓްގަގައި މާކް ރަފަލޯ، ޓޯނީ ކޮލެޓް، ސްޓީވް ޔެއެން އަދި ނިއޯމީ އެކީ ހިމެނެ އެވެ. މި ފިލްމަކީ ލިޔުންތެރިޔާ އެޑްވަޑް އޭޝްޓަންގެ 2021 ގެ ވާހަކަ "މިކީ 7" އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.


މީގެ ޑައިރެކްޓަރު ބޮންގްގެ 2019 ގެ "ޕެރަސައިޓް" ގެ ކާމިޔާބީތަކުގެ ވާހަކަ އަށް ޖެހިލާ އިރު، މި ފިލްމަށް އޮސްކާގެ އެންމެ މޮޅު ފިލްމުގެ އިތުރުން އެންމެ މޮޅު ޑައިރެކްޓަރާއި އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭގެ އިތުރުން އެންމެ މޮޅު ބޭރު ފިލްމުގެ އޮސްކާ ވެސް ލިބިފައިވެ އެވެ.

އެ އަހަރުގެ ގޯލްޑެން ގްލޯބް އެވޯޑްސްގެ މޮޅު ބޭރު ފިލްމަކީ ވެސް "ޕެރަސައިޓް" އެވެ.