ރައީސް މުހައްމަދު މުއިއްޒު ރ. އަތޮޅުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މާލެ ވަޑައިގެންފި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ 11 ރަށަކަށް ޒިޔާރަތްކުރައްވައި، އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށްރަށުގެ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ.
މި ދަތުރުފުޅުގައި، ރައްޔިތުންގެ ގާތަށް، ރަށްރަށަށް ވަޑައިގެން، ރައްޔިތުންގެ ހާލު ބައްލަވާ، އެ ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ ކަންކަން އޮޅުންފިލުއްވައި، ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދެވުމަށް އެކިއެކި މުއައްސަސާތަކާއި އެކި ފަންތީގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައިވެ އެވެ.
އަދި އެކި ރަށްރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތައް ފައްޓަވައިދެއްވައި ބައެއް ރަށްރަށުގައި ޤާއިމުކޮށް ނިމިފައިވާ ޚިދުމަތްތައް ރައީސް އިފުތިތާހުކޮށްދެއްވި އެވެ.
މި ދަތުރުފުޅުގައި ރައްޔިތުންނާ މުޚާޠުބުކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގައި ރައީސް ވަނީ މި އަހަރު ސަރުކާރުން ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ކުރިއަށް އުންމީދު ކުރަންވީ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައްޔިތުންނަށް ވަރަށްގިނަ އުއްމީދީ ކަންތައްތަކެއްގެ ވާހަކަ ހިއްސާކުރައްވާފަ އެވެ. އެގޮތުން ރަށްރަށަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދަވައި ދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވި އެވެ.
ރައީސްގެ މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.