Last Updated: May 10, 18:01
Saturday, May 10, 2025
ދުނިޔެ

ތާލިބާނުންގެ ވެރިންތަކެއް ހައްޔަރުކުރުމުގެ އަމުރު ނެރެފި

އަންހެނުންގެ ވަރަށް ގިނަ ހައްގުތަކެއް އަފްގާނިސްތާނުން ތާލިބާނުން ނިގުޅައިގެނަ، އަންހެނުންނާ ދެކޮޅަށް ޖަރީމާތަކާ ގުޅިގެން އެ ޖަމާއަތުގެ އިސް ލީޑަރުންތަކެއް ހައްޔަރުކުރަން ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އެ ކޯޓުން ހައްޔަރު ކުރުމުގެ އަމުރު ނެރުނީ ތާލިބާނުންގެ ސަރުކާރުގެ ވެރިޔާ ހައިބަތުﷲ އަޚުންޒާދާއި އަގްފާނިސްތާންގެ އުއްތަމަފަނޑިޔާރު އަބްދުލް ހައްކީމް ހައްގާނީގެ މައްޗަށެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) ގެ ޗީފް ޕްރޮސެކިއުޓަރު ކަރީމް ޚާން ނެރުއްވި އަމުރުގައި ވިދާޅުވީ އަފްގާނިސްތާންގެ އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކަށް އަރައިގަތުމާއި އެ މީހުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކުގެ ޒިންމާ އެ ބޭފުޅުން ނަންގަވަން ޖެހޭނެ ކަމަށެވެ.

ތާލިބާނުންގެ ދެ ލީޑަރަކު ނެރުމަށް އަމުރުކޮށް ނެރުއްވި އަމުރު އަދި އައިސީސީގެ ފަނޑިޔާރުން ރުހުން ދީފައެއް ނުވެ އެވެ.

އަފްގާނިސްތާންގެ ވެރިކަމަށް 2021 ގެ އޮގަސްޓްގައި ގައި އަލުން ތާލިބާން އައުމަށް ފަހު، އަންހެނުންގެ އަސާސީ އެތަކެއް ހައްގުތަކެއް ވަނީ ގެއްލުވާލައިފަ އެވެ. އޭގެ ތެރޭގައި އަންހެން ކުދިންނާއި އަންހެނުން ތައުލީމީ މަރުކަޒުތަކަށް ގޮސް ކިޔެވުމާއި އަންހެނުން ވަޒީފާ އަދާކުރުމާއި އަންހެނުން އޮފީސްތަކަށް ނުކުމެ ވަޒީފާ އަދާކުރުމާއި އަމިއްލަ ވިޔަފާރި ހިންގުން ފަދަ އެތައް ކަމެއް ވަނީ ހުއްޓުވައިފަ އެވެ.

ތާލިބާން އަފްގާންގެ ވެރިކަމުގައި އޮތް ނަމަވެސް އެ ވެރިކަން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ބަލައެއް ނުގަނެ އެވެ.