ޔޫރޮޕާ ލީގުގައި ރޭ ފަހު ވަގުތު ބްރޫނޯ ފެނާންޑޭސް ޖެހި ގޯލުން 2-1 އިން މެންޗެސްޓާ ޔުނައިޓެޑުން ރެންޖާސް އަތުން މޮޅުވެއްޖެ އެވެ.
ލީގު އުސޫލުން ކުރިއަށްދާ ޔޫރޮޕާ ލީގުގައި ޔުނައިޓެޑް މިހާރު އޮތީ 7 މެޗުން 15 ޕޮއިންޓު ހޯދައިގެން ހަތަރުވަނައިގަ އެވެ. ލީގު ބުރުގެ ފަހު މެޗުގައި އަންނަ ހަފްތާގައި ރުމޭނިއާގެ އެފްސީއެސްބީ ބަލިކޮށްފި ނަމަ، ޔުނައިޓެޑަށް މުބާރާތުގެ ގަދަ 16 އިން ޖާގަ ލިބޭނެ އެވެ.
ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މެޗުގެ 52 ވަނަ މިނެޓްގައި ޔުނައިޓެޑުން ވަނީ ލީޑު ނަގާފަ އެވެ. މިއީ ރޭންޖާސްގެ ގޯލްކީޕަރު ޖެކް ބަޓްލޭންޑް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
މި ގޯލަށް ފަހު ލީޑު ފުޅާކޮށްލަން ޔުނައިޓެޑަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ. އެގޮތުން އެލެހެންދްރޯ ގަނާޗޯ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، ހެރީ މެގުއާ ހުހަށް ހުރެ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.
މި ފުރުސަތުތަކުގެ ބޭނުން ޔުނައިޓެޑަށް ނުހިފުނުއިރު، މެޗުގެ 88 ވަނަ މިނެޓްގައި ސިރިއަލް ޑެސާސް ވަނީ ރޭންޖާސް އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބްރޫނޯ ވަނީ ޔުނައިޓެޑްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފަ އެވެ. މިއީ ލިސަންޑްރޯ މާޓިނޭޒް އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން ބްރޫނޯ ކާމިޔާބުކުރި ގޯލެކެވެ.
މި މެޗުން ބަލިވުމުން ރޭންޖާސް އޮތީ 7 މެޗުން ލިބުނު 11 ޕޮއިންޓާ އެކު 13 ވަނައިގަ އެވެ.