Last Updated: July 15, 18:06
Thursday, July 16, 2026
މުނިފޫހިފިލުވުން

ކާތިކްގެ ފިލްމު ލިބުނީ އަނަންޔާ އަށް

ބޮލީވުޑްގެ ތަރި ކާތިކް އާރިއަން މިދިޔަ މަހު ސޮއިކުރި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ބަތަލާއަކަށް އަނަންޔާ ޕާންޑޭ ފައިނަލްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނަމަވެސް މިކަން އަދި ފިލްމުގެ ޓީމުން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.

ރޮމޭންޓިކް ކޮމެޑީއެއްގެ ގޮތުގައި ހަދާ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އަށް އަނަންޔާ ނެގި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ އިރު، މި މަހުގެ ކުރީކޮޅު ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ފިލްމަށް ބަތަލާއަކު ނަގަން ދެ ނަމެއް ޝޯޓްލިސްޓްކޮށްފައިވެ އެވެ. އެއީ އަނަންޔާގެ އިތުރުން ޝަރްވާރީ ވާގް އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އަށް އަނަންޔާ ނެގި ސަބަބަކީ އޭނަ އާއި ކާތިކަކީ ކުރިން ވެސް އެކީގައި ފިލްމެއް ކުޅެ، ބެލުންތެރިންގެ މަގުބޫލު ސްކްރީން ޖޯޑަކަށްވާތީ ދެ ތަރިންގެ ކެމިސްޓްރީން އަލުން އެކީގައި ސްކްރީނަށް ގެންނަން ބޭނުންވާތީ އެވެ.

ކާތިކާ އެކީ އަނަންޔާ ފެނިގެން ދިޔަ ފުރަތަމަ ފިލްމަކި އޭނަ ބޮލީވުޑަށް ތައާރަފުވި އަހަރު ކަމަށްވާ 2019 ގެ "ޕަތީ ޕަތުނީ އޯތް ވޯ" އެވެ. ޗަންކީ ޕާންޑޭގެ ދަރިފުޅުގެ ފުރަތަމަ ފިލްމަކީ އެ އަހަރު ދަރުމާ އިން ގެނެސްދިން "ސްޓޫޑެންޓް އޮފް ދި އިޔާ 2" އެވެ.

އެ ސްޓޫޑިއޯގެ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އިން އަނަންޔާ އަށް ފުރުސަތު ލިބުނު އިރު، އޭނަ ހިއްސާވި ދަރުމާގެ ޕްރޮޖެކްޓްތަކުގެ ތެރޭގައި 2021 ގެ ފިލްމު "ގެހަރާއިޔާ" އާއި މިދިޔަ އަހަރުގެ ވެބް ސީރީޒް "ކޯލް މީ ބޭ" އެވެ. އަދި މިހާރު ވެސް "ޝަންކަރާ" ކިޔާ ދަރުމާގެ ފިލްމަކުން އަނަންޔާ ވަރަށް އަވަހަށް ބެލުންތެރިންނާ ބައްދަލު ކުރަން ހަމަޖެހިފައިވާ އިރު، އެ ސްޓޫޑިއޯގެ "ޗާންދު މޭރާ ދިލް" ގެ ބަތަލާ އަކީ ވެސް އޭނަ އެވެ.

އަންނަ މެއި މަހުގެ ތެރޭގައި ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ އަދި އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" ގެ ޑައިރެކްޓަރަކީ ކާތިކާއި ކިއާރާ އަދުވާނީގެ 2023 ގެ "ސަތިއަޕްރޭމް ކީ ކާތާ" ގެނެސްދިން ސަމީރު ވިދުވަންސް އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގެ ކާސްޓްގެ ހާއްސަ ފެނިލުންތަކެއްގައި ދަރުމާ އިން 2013 ގައި ގެނެސްދިން ކާމިޔާބު ލޯބީގެ ފިލްމު "ޔޭ ޖަވާނީ ހޭ ދީވާނީ" ގެ ލީޑް ތަރިން ކަމަށްވާ ދީޕިކާ ޕަދްކޯނާއި ރަންބީރް ކަޕޫރާއި ކަލްކީ ކޮއެޗްލިންގެ އިތުރުން އަދިތިޔާ ރޯއި ކަޕޫރް ވެސް ހިމެނެ އެވެ.