ދިވެހި ކޮންމެ ކުއްޖަކީ ވެސް ރަނގަޅު ފެންވަރުގެ ތަޢުލީމު ލިބޭ ކުއްޖެއްކަން ކަށަވަރު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ތަޢުލީމު ދުވަހާ ގުޅޭގޮތުން ހިއްސާކުރެއްވި ޚާއްޞަ މެސެޖުގައި ރައީސް ވިދާޅުވީ މި ޤައުމުގެ ކޮންމެ ކުއްޖަކީވެސް، އެކުދިންގެ ތުއްތު ސިކުނޑިތައް މުއްސަނދިކޮށްދޭ ފަދަ އަގުކުރުންތައް ޤާއިމުކޮށްދޭ ފަދަ، ޚިޔާލާއި އުފެއްދުންތެރިކަމަށް ހިތްވަރުދޭ ފަދަ، އަދި ބަދަލުވަމުން މިދާ ދުނިޔޭގައި ފައިހަމަކޮށްލުމުގެ ޤާބިލުކަން ލިބޭފަދަ، ރަނގަޅު ފެންވަރުގެ ތަޢުލީމު ލިބޭ ކުއްޖެއްކަން ކަށަވަރު ކުރައްވާނެ ކަމަށެވެ.
މިއަހަރުގެ ދުނިޔޭގެ ތަޢުލީމު ދުވަހުގެ ޝިޢާރުކަމަށްވާ، "އޭއައި އެންޑް އެޑިއުކޭޝަން: ޕްރިޒާވިންގް ހިއުމަން އޭޖެންސީ އިން އަ ވަރލްޑް އޮފް އޮޓޮމޭޝަން" އަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ތަޢުލީމީ ނިޒާމަށް ފުރުޞަތުތައް ފަހިވެފައިވާ މި ދަނޑިވަޅުގައި އިންސާނީ ސިފަ ދެމެހެއްޓުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި މިފަދަ ޒަމާނެއްގައި، ފަންނިއްޔާތާއި ތަޢުލީމު އެކުއެކީގައި އެކުލެވިގެންދިއުމަކީ ލާޒިމު ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މަތީފަންތީގެ އީ-ލަރނިން ވަޞީލަތްތަކާއި، އާޓިފިޝަލް އިންޓެލިޖަންސާއި، ވާޗުއަލް ރިއަލިޓީ، ތަޢުލީމީ ނިޒާމުގެ ތެރޭގައި އެކުލަވައިގެން، ރާއްޖެ ފަދަ ޖޯގްރަފީ ގޮތުން ފެތުރިފައިވާ ޖަޒީރާ ޤައުމެއްގެ ކުރިމަގު، މުސްތަޤުބަލުގެ ޖީލުތަކަށް އުޖާލާކޮށްދެވިދާނެ ކަމަށެވެ.
މީގެއިތުރުން ޓެކްސްޓް ފޮތްތައް ޑިޖިޓައިޒްކޮށް، ޤާބިލިއްޔަތުގެ މައްޗަށް ބިނާކޮށްފައިވާ ހައިބްރިޑް އުނގެނުމުގެ މޮޑެލްއެއްގެ އެހީގައި ރާއްޖޭގެ ތަޢުލީމީ ނިޒާމުން ދަނީ ކަރިކިއުލަމްގައި ޑިޖިޓަލް ޓެކްނޮލޮޖީ އެކުލަވަމުންކަން ފާހަގަކުރައްވައި، "ސްޓީމް" ތަޢުލީމުގެ އެހީގައި ތުއްތު ސިކުނޑިތަކުގައި ހުޅުކޮޅު ރޯކުރުމަކީ ރާއްޖެއަށް ވަރަށް މުހިންމު ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.