ރާއްޖެ މިދަނީ ނޯތު ކޮރެއާއަށް ބަދަލުވަމުން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭ މާލޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަމުން މާރިޔާ ވިދާޅުވީ މުޅި މި ރާއްޖެ މިދަނީ ނޯތު ކޮރެއާއަށް ބަދަލުވަމުން ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "އައިޑޮލް" އަކީވެސް ނޯތު ކޮރެއާ ކަމަށެވެ.
"ބޭނުން ވަނީ ރައްޔިތުން ފަގީރުކޮށްލަން. ކުޑައިރުއްސުރެ އަޅުގަނޑުމެންގެ މައިންބަފައިން ނަސޭހަތް ލައިދޭނެ، ދޮގު ހަދާ މީހާ ވައްކަން ކުރާނެއޭ. ހަމަ ސާފުކޮށް ފެންނަ ގޮތަށް އެ ދޮގު ހަދަމުން ދަނީ،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ މި ސަރުކާރުން ދޮގު މައްޗަށް ދޮގު ހަދަމުން އައިސް މިއަދު ރާއްޖެ މިއޮތީ ނިކަމެތިވެފައި ކަމަށެވެ. ރައްޔިތުން މިއަދު އެދެނީ ސަރުކާރު ބަދަލުކުރަން ކަމަށާއި މަގުމަތިން އިވޭހާވެސް އަޑަކީ އެއީ ކަމަށް މާރިޔާ ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ފައިސާ އިން ޚަރަދުކުރާ ކަމަށް ވާނަމަ ރައްޔިތުންނާއި ވާހަކަ ދައްކައިގެން ރަނގަޅު ގޮތުގައި ކަންކަން ކޮށްދެއްވުމަށް މާރިޔާ ރައީސް މުއިއްޒަށް ވަނީ ގޮވާލާފަ އެވެ.
"މިމަހު 31 ވަނަ ދުވަހު އަޅުގަނޑުމެން އެންމެން މި ނިކުންނަނީ މިއަޑު ރައީސް މުޢިއްޒަށް އިއްވަން. ރައީސް މުޢިއްޒަށް ދަންނަވަން ނަސޭހަތް ލައިދެން މިހެންނޭ އަޑުތައް ހުރީ، ރައީސް މުއިއްޒޭ ރައްޔިތުން އެދޭ ގޮޔަށް ރައްޔިިތުން އެދޭގޮތަށް ކޮށްދެއްވާށޭ، އެހެން ނޫނިއްޔާ ނަތީޖާ ވަރަށް ހިތިވެގެން ހިގައިދާނެއޭ،" މާރިޔާ ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ ދިފާއުގައި މި މަހުގެ 31 ގައި މާލޭގެ މަގުމައްޗަށް އިހުތިޖާޖަށް ނިކުންނަން އެމްޑީޕީން ވަނީ ނިންމާފަ އެވެ.