ވާދަވެރިންނަށް މިއަދު އެންމެ އުނދަގޫ ވަނީ ރައްޔިތުންގެ ގާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަންނަވާތީ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ ރައީސްގެ މުއިއްޒުގެ ރ. އަތޮޅުގެ ދަތުރުފުޅު ވެސް ވެގެން މިދިޔައީ އަތޮޅުގެ ލޮބުވެތި ރައްޔިތުންނަށް އުފާވެރިކަން ގެނުވި ރައްޔިތުންނަށް މުހިއްމު ޚިދުމަތްތަކެއް ފެށިގެންދިޔަ އަދި އުއްމީދުތަކެއް ގެނުވި ތާރީޚީ ދަތުރުފުޅަކަށް ކަމަށެވެ.
"ވާދަވެރިންނަށް މިއަދު އެންމެ އުނދަގޫވަނީ ރަައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ރައްޔިތުންނާ ގާތަށް ވަޑައިގަންނަވާ ވަޑައިގަތުން ވަކިން ޚާއްޞަކޮށް ރަށްރަށުގެ ކަޅުފަހުގައި ރައްޔިތުންނާއެކު ހޭދަކުރައްވާ އަގުހުރި ވަގުތުތަކުގެ ސަބަބުން،" ޝިޔާމް ވިދާޅުވި އެވެ.
ރައީސްގެ ރ. އަތޮޅު ދަތުރުފުޅުގައި އެ އަތޮޅުގެ 11 ރަށަކަށް ޒިޔާރަތްކުރައްވައި، އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށްރަށުގެ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ.
މި ދަތުރުފުޅުގައި، ރައްޔިތުންގެ ގާތަށް، ރަށްރަށަށް ވަޑައިގެން، ރައްޔިތުންގެ ހާލު ބައްލަވާ، އެ ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ ކަންކަން އޮޅުންފިލުއްވައި، ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދެވުމަށް އެކިއެކި މުއައްސަސާތަކާއި އެކި ފަންތީގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައިވެ އެވެ.
އަދި އެކި ރަށްރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތައް ފައްޓަވައިދެއްވައި ބައެއް ރަށްރަށުގައި ޤާއިމުކޮށް ނިމިފައިވާ ޚިދުމަތްތައް ރައީސް އިފުތިތާހުކޮށްދެއްވި އެވެ.