Last Updated: July 5, 10:51
Saturday, July 5, 2025
މުނިފޫހިފިލުވުން

ނިއުމާ ވެސް މާލެ ދޫކޮށްލައިފި!

ފިލްމީ ދާއިރާ ދޫކޮށްލައި ޑައިރެކްޓަރު އަބްދުލް ފައްތާހް ވެސް މާލެ ދޫކޮށްލި ގޮތަށް ކުރީގެ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު ވެސް މާލެ ދޫކޮށް އެހެން ތާކަށް ދިރިއުޅުން ބަދަލުކޮށްފި އެވެ.

ފޭސްބުކް ޕޯސްޓެއްގައި އޭނަ މިކަން ހިއްސާކުރި ނަމަވެސް ގދ. ވާދު އަށް އުފަން ބަތަލާ ދިރިއުޅުން ބަދަލުކުރީ ކޮން ތާކަަށް ކަމެއް ހާމައެއް ނުކުރެ އެވެ.

ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އަދި ކާމިޔާބު ބަތަލާއިންގެ ތެރޭގައި ހިމެނޭ ނިއުމާ އާންމުކުރި ޖަޒުބާތީ ޕޯސްޓްގައި ބުނީ އެތައް ޒަމާނެއް ވަންދެން އުޅެމުން އައި މާލެ ދޫކޮށް ދާން ނިންމީ އޭނަ ހާލުގައި ޖެއްސުމުން ކަމަށެވެ. ނަމަވެސް އޭގެ ތަފުސީލަކަށް ނުގޮސް ބުނީ އެކަން ކުރި ބަޔަކާ މެދު އެއްވެސް ޝަކުވާއެއް ނެތް ކަމަށާއި މާފު ވެސް ކޮށްފައިވާ ކަމަށެވެ.

ނިއުމާ ބުނި ގޮތުގައި މިކަމުން ލިބުނު ފިލާވަޅާ އެކު މި ވަގުތަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެހެން ތާކަށް ދިރިއުޅުން ބަދަލުކޮށް ދިރިއުޅުމައިގެން ކުރިއަށް ދިއުން ކަމަށެވެ. އެހެންވެ އެކަމަށް އަޒުމް ކަނޑައަޅައި އެ ނިންމުން ނިންމީ ފުރާނަ ފަދަ ލޯބިވާ ދަރިފުޅަށްޓަކައި ކަމަށް ބުންޏެވެ

ކުރިން ތިން ކައިވެންޏެއްކުރި ބަތަލާ ބުނި ގޮތުގައި ފާއިތުވި ތިން އަހަރުގެ ތެރޭގައި މަންމައެއްގެ ހައިސިއްޔަތުން ފެއިލްވި ކިތަންމެ ފަހަރެއް ދިޔަ ކަމަށާއި ނަމަވެސް އުންމީދުގެ ހުޅުކޮޅު ނިއްވިޔަނުދީ ސިއްރުސިއްރުން ރޮއެ، ހިތާމަކޮށް ދަރިފުޅުގެ ކިބައިން މާފަށް އެދުނު ކަމަށް ވެސް ބުންޏެވެ.

ނިއުމާގެ ދަރިފުޅު ޒޯޔާ ހަސަން ވަނީ ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) މިދިޔަ އަހަރު ގެނެސްދިން ފިލްމު "ލަސްވިޔަސް" ގައި މުހިއްމު ރޯލެއް ކުޅެފަ އެވެ.

ޑްރާމާ ސިލްސިލާ "ހިތި ތަޖުރިބާ" އިން 1994 ގައި ފިލްމީ ކެރިއަރު ފަށައި، އެކްޓިން ކެރިއަރު 2019 ގެ "ނިވައިރޯޅި" ނިންމައިލި ނިއުމާ އަކީ ވަރަށް ގިނަ ފިލްމުތަކާއި ޑްރާމަތަކާއި ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކެއް ވެސް ކުޅެފައިވާ ބަތަލާއެކެވެ. އޭނަ ކުޅުނު އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ފަތިސްހަނދުވަރު" އާއި "ކަލާޔާނުލާ" އަދި "ޔޫސުފް" ހިމެނެ އެވެ.

ނިއުމާ، 47، އަކީ ބަތަލާއްގެ އިތުރުން ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެއް ވެސް މެ އެވެ. އޭނަ ޑައިރެކްޓްކުރި ހަމައެކަނި ފިލްމަކީ ޓައިޓްލް ރޯލު ކުޅުނު 2010 ގެ "ނިއުމާ" އެވެ. ނިއުމާ ޕްރޮޑިއުސްކޮށް އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށް 2023 ގައި ގެނެސްދިން ބިރުވެރި ފިލްމު "ކަޅަކި" އެވެ.

ފިލްމީ ދާއިރާ އިން ގިނަ ކާމިޔާބީތަކެއް ހޯދި ނިއުމާ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވި ފިލްމުތަކުގެ ތެރޭގައި "ނޯޓީ 40" އާއި "ނިވައިރޯޅި" ގެ އިތުރުން ފައްތާހްގެ އެންމެ ފަހު ފިލްމު 2017 ގެ "ހައްދު" ހިމެނެ އެވެ.

ފައްތާހް ފިލްމު ދާއިރާ ދޫކޮށްލައި އުފަން ރަށް ހއ. ކެލަ އަށް ދިރިއުޅުން ބަދަލުކުރީ 2017 ގެ ފަހުކޮޅު އެވެ. އޭނަ އަކީ މިހާރު ރަށުގައި "މިޗޫބްސް" ގެ ނަމުގައި އަމިއްލަ ރެސްޓޯރަންޓެއް ހިންގަމުން އަންނަ މީހެކެވެ.