Last Updated: July 15, 18:06
Thursday, July 16, 2026
މުނިފޫހިފިލުވުން

ސަންޖޭގެ "ވާސްތަވް" ގެ 2 ވަނަ ބައެއް ހަދަނީ

ސާޅިސް ފަސް ވަނަ ފިލްމުފެއާ އެވޯޑްސްގައި ސަންޖޭ ދަތަށް އެންމެ މޮޅު އެކްޓަރުގެ އެވޯށް ލިބުނު 1999 ގެ ގޭންގްސްޓާ ފިލްމު "ވާސްތަވް" ގެ ދެވަނަ ބައެއް ހަދަން ނިންމައިފި އެވެ.

ޕިންކްވިލާ އިން ބުނީ އާ ފިލްމުގެ ސްކްރީންޕްލޭ ވެސް ޑައިރެކްޓަރު މަހޭޝް މަންޖްރޭކަރް މިހާރު ނިންމާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ބައިގައި ސަންޖޭ ކުޅުނު ރަގޫނާތު 'ރަގޫ' ނަމްދޭވް ޝިވަލްކަރްގެ ރޯލުން އޭނަ ފެންނާނެ ކަމަށާއި ސަންޖޭއާ އެކީ ޒުވާން އާ އެކްޓަރަކު ވެސް "ވާސްތަވް 2" މުހިއްމު ރޯލއް ކުޅޭނެ ކަމަށެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި ފިލްމުގެ މުޅި ކާސްޓް މި އަހަރުގެ މެދުތެރޭގައި ފައިނަލްކޮށް، އަހަރު ނިމުމުގެ ޝޫޓިން ވެސް ފަށަން ޕްލޭންކޮށްފައިވާ ކަމަށެވެ.

ހިންދީ ސިނަމާގެ އެންމެ ކާމިޔާބު ގޭންގްސްޓާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ވާސްތަވް" ގެ ކާސްޓްގައި ނަމްރަތާ ޝިރޯދްކާރު، ރީމާ ލަގޫ، ސޮނީ ޓީވީގެ "ސީއައިޑީ" ގެ ޝިވާޖީ ސަތަމް، ދީޕަކް ތިޖޯރީ، ޕަރޭޝް ރާވަލް، މޯނިޝް ބާލް، އާޝިޝް ވިދިއާތީގެ އިތުރުން ޑައިރެކްޓަރު މަންޖްރޭކަރް ވެސް ހިމެނެ އެވެ.

މި ފިލްމަކީ އޭނަ ލިޔެ، ޑައިރެކްޓްކޮށް އޮކްޓޯބަރު 7، 1999 ގައި ރިލީޒްކުރި ފިލްމެކެވެ. އެންމެ 7.5 ކްރޯޑް ރުޕީސް (870،000 ޑޮލަރު) އިން ހެދި ފިލްމަކަށް ބޮކްސް އޮފީހުގައި 20.7 ކްރޯޑް ރުޕީސް (2.4 މިލިއަން ޑޮލަރު) ލިބުނެވެ.