އެމެރިކާ އިން ގައުމުތަކަށް ދޭ ހުރިހާ އެހީތަކެއް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
އެގޮތަށް ނިންމާފައި ވަނީ މި މަހުގެ 20 ގައި ހުވާކުރެއްވި އާ ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި ރިޔާސީ ގަރާރަކާ ގުޅިގެންނެވެ. އެ ގަރާރާ ގުޅިގެން އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރުބިއޯ ވަނީ ބޭރު ގައުމުތަކުގައި ހުރި އެ ގައުމުގެ ހުރިހާ ޑިޕްލޮމެޓިކް ޕޯސްޓްތަކަށް އެކަން އިއްޔެ އަންގައިފި އެވެ. އެގޮތުން ސްޓޭޓް ޑިޕާޓްމަންޓާއި ޔޫއެސްއެއިޑް ޕްރޮގްރާމްގެ ދަށުން ވެސް އެހީތައް މި ވަގުތަށް ވަނީ މަޑުޖައްސާލައިފަ އެވެ.
ގައުމުތަކަށް އެހީ ދިނުން ޓްރަމްޕްގެ ގަރާރަކުން މެދުކަނޑާލީ 90 ދުވަސް ނުވަތަ ތިން މަހަށެވެ. އެގޮތަށް ނިންމައި އެހީގެ ސިޔާސަތުތައް އަލުން މުރާޖައާ ކުރަން ނިންމައިފަ އެވެ.
ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި އެހީ ފޯރުކޮށްދޭ އުސޫލުތަކާއި މިންގަނޑުތަކެއް އެކުލަވާލައި، ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ. އަދި އެހީ ދޭ އިރު، އެމެރިކާގެ މަސްލަހަތާއި ޓްރަމްޕްގެ ސިޔާސަތުތަކަށް ފެތޭ ގޮތަށް އެހީ ފޯރުކޮށް އެމެރިކާ އިން އިސްކަން ދޭނެ ކަމަށް ބުންޏެވެ.
އެމެރިކާ އިން ގައުމުތަކަށް އެކި ގޮތްގޮތުން ފޯރުކޮށްދޭ އެހީތައް ވަގުތީ ގޮތުން މެދުކަނޑާ އިރު، ޖޯ ބައިޑެންގެ ސަރުކާރުގައީ އެހީ ދޭން ގެންގުޅުނު އުސޫލުތަކަށް ކޮންގްރެސްގައި ރިޕަބްލިކަން ޕާޓގެ މެންބަރުން ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވި އެވެ.