ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖެއަށް ގެންނަ ތަރައްގީގައި ފުލުހުންގެ ދައުރު ބޮޑު ކަމަށް، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން ވިދާޅުވެއްޖެ އެވެ.
ރޭ އޮތް 39 ވަނަ ޕޮލިސް އިނިޝިއަލް ޓްރެއިނިން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޣައްސާން ވިދާޅުވީ ތަރައްގީ ވެފައިވާ ގައުމުތަކުން ފާހަގަކުރެވޭ ސިފަތަކެއް އެބަހުރި ކަމަށާއި އެއީ މިނިވަންކަމާއި މުސްތަގިއްލުކަމާއި އަމަންއަމާންކަން އަދި އަދުލު އިންސާފު ގާއިމުވެފައި އޮތުމާއެކު ވަކިވަކި ފަރުދުންނާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުވެފައި އޮތުން ކަމަށެވެ.
މުޖުތަމައުގެ އަމާންކަން ދަމަހައްޓައިދީ، ރައްޔިތުން ހިމާޔަތްކޮށްދިނުމާއެކު އެމީހުންގެ މުދަލާއި ގެދޮރު ރައްކާތެރިކޮށްދިނުމަކީ ގާނޫނު އަސާސީން ފުލުހުންނާއި މަތިކޮށްފައިވާ ޒިންމާއެއް ކަމަށާއި އަދި ރައީސް މުއިއްޒު ރާއްޖެއަށް ހޯދަން މަސައްކަތް ކުރައްވާ ތަރައްގީ ހޯދައިދިނުމުގައި ފުލުހުންގެ ދައުރު ވެސް ފުޅާކަމަށް ޣައްސާން ވިދާޅުވި އެވެ.
"އިގްތިސާދީ ގޮތުން ފުދުންތެރިކަން ހޯދުންވިޔަސް، އިޖުތިމާއީ ފޭރާން ހަރުދަނާކުރައްވަން ވިޔަސް، މި ހުރިހާ މަސައްކަތްޕުޅެއްގެ ހަގީގީ އެއް މޭސްތިރިންނަށް ވާނީ އަބަދުވެސް ދިވެހި ފުލުހުން. ތިބޭފުޅުންގެ މަސައްކަތްޕުޅުން ދިވެހިރާއްޖެއަކީ ސުލްހަމަސަލަސްކަން ދެމި އޮންނަ އަމަންއަމާން ވެއްޓެއް ޤާއިމުވެފައި އޮންނަ ޤައުމަކަށް ހެއްދެވުމަކީ ދިވެހި މުސްތަގުބަލް އުޖާލާވެގެންދާނެ މަގު،" ޣައްސާން ވިދާޅުވި އެވެ.
ރޭ ދަސްވެނިވި ފުލުހުންނާއި މުހާތަބު ކުރައްވަމުން ޣައްސާން ވަނީ އެ ފުލުހުންގެ ޒިންމާ ވަރަށް ބޮޑު ކަމަށާއި، އެގޮތުން ގައުމަށް ވަފާތެރިވުމާއެކު ނަފްސަށް ވުރެ ގައުމު އިސްކުރުމަށް އިލްތިމާސްކުރައްވާފަ އެވެ.