ކިލިއަން އެމްބާޕޭގެ ހެޓްރިކުން 3-0 އިން ރެއާލް ވަޔަޑޮލިޑް ބަލިކޮށް، ސްޕެނިޝް ލީގުގެ އެއްވަނައިގައި ރެއާލް މެޑްރިޑުން ހަމަޖެހިލައިފި އެވެ.
މި މޮޅާއެކު ލީގުގެ އެއްވަނައިގައި ރެއާލް އޮތީ 21 މެޗުން ލިބުނު 49 ޕޮއިންޓާއެކު އެވެ. ދެވަނައިގައި 21 މެޗުން 45 ޕޮއިންޓު ހޯދައިގެން އެތްލެޓިކޯ މެޑްރިޑް އޮތްއިރު، ތިންވަނައިގައި 20 މެޗުން 39 ޕޮއިންޓާ އެކު އޮތީ ބާސެލޯނާ އެވެ.
ވަޔަޑޮލިޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު ރެއާލުން ކާމިޔާބުކުރީ މެޗުގެ 30 ވަނަ މިނެޓްގަ އެވެ. ޖޫޑް ބެލިންހަމް ދިން ޕާހަކުން މި ގޯލު ކާމިޔާބުކޮށްދިނީ އެމްބާޕޭ އެވެ. އަދި މެޗުގެ 57 ވަނަ މިނެޓްގައި ރެއާލްގެ ދެވަނަ ގޯލުވެސް އެމްބާޕޭ ކާމިޔާބުކޮށްދިން އިރު، މެޗުގެ ފަހު ވަގުތުކޮޅުތެރޭ ލިބުނު ޕެނަލްޓީ އަކުން ރެއާލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެމްބާޕޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.
މިއީ ރެއާލަށް ބަދަލުވި ފަހުން އެމްބާޕޭ ހެދި ފުރަތަމަ ހެޓްރިކެވެ. އެމްބާޕޭ ވަނީ މި ސީޒަނުގެ ސްޕެނިޝް ލީގުގައި 15 ގޯލު ކާމިޔާބުކޮށްފަ އެވެ.
ސްޕެނިޝް ލީގުގެ ތިންވަނައިގައި އޮތް ބާސާ އިން މިރޭ އަމިއްލަ ދަނޑުގައި ވެލެންސިއާއާ ދެކޮޅަށް ނިކުންނާނެ އެވެ.