އަންނަ އަހަރު ނިމުމުގެ ކުރިން ވެރިކަންކުރާ ޕީއެންސީއަށް 100،000 މެމްބަރުން ހަމަކުރުމަކީ އަމާޒެއް ކަމަށް، ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުހައްމަދު އިސްމާއިލް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ފުރިހަމަ ތާއީދާ އިތުބާރާއެކު ދާދި އަަވަހަށް ޕީއެންސީއަށް އެއްލައްކަ މެންބަރުން ހަމަކުރުމުގެ ވަރުގަދަ ހަރަކާތެއް މުޅި ރާއްޖައަށް ހުޅުވައިލާގެން ކުރިއަށް ގެންދާނެ ކަމަށެވެ.
"ޓާގެޓަކީ 2026 ވަނަ އަހަރު ނިމުމުގެ ކުރިން ސައްހަ 100،000 މެންބަރުން ހަމަކުރުން،" އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިދިޔަ ޑިސެމްބަރު 31 އާ ހަމައަށް އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިހާރު ރާއްޖޭގައި އެންމެ މެމްބަރުން ގިނަ ޕާޓީއަކީ ޕީއެންސީ އެވެ. ޕީއެންސީގައި މިވަގުތު 68،968 މެންބަރުން އެބަ ތިއްބެވެ.
ދެ ވަނައަށް މިވަގުތު އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު އެމްޑީޕީގަ އެވެ. މީގެ ކުރިން އެންމެ ގިނަ މެންބަރުން ތިބި ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީގައި މިހާރު ތިބި މެމްބަރުންގެ އަދަދަކީ 43،755 އެވެ. ތިން ވަނަ އަށް އެންމެ ބޮޑު ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީގައި މިހާރު ތިބި މެމްބަރުންގެ އަދަދަކީ 13،826 އެވެ.
އީސީން ވަނީ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދާދިފަހުން ހުޅުވާލާފަ އެވެ.