އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުން މިޝޭލް އޮބާމާ މިހާތަނަށް ފާހަގަކުރެވެމުން އައީ ވަރަށް ލޯބިން އުޅުއްވާ ޖޯޑެއްގެ ގޮތުގަ އެވެ. އެ ކައިވެންޏަށް ދެ އަންހެން ބޭފުޅުން ވެސް ލިބިވަޑައިގެންފައިވެ އެވެ. އެއީ މިހާރު އުމުރުން 27 އަަހަރުގެ މާލިއާ އޮބާމާ އާއި 24 އަހަރުގެ ސާޝާ އޮބާމާ އެވެ.
އޮބާމާ، 63، އާއި މިޝެލް، 61، ގެ ކައިވެންޏަށް މިހާރު 33 އަހަރެވެ.
ނަމަވެސް މިހާރު އިވޭ އަޑުުތަކަށް ބަލާ އިރު، ދެ ބޭފުޅުންގެ މިސްރާބު މިހާރު ހުންނެވީ ވަރިއަކާ ދިމާއަށެވެ. މި ވާހަކަ މީޑިއާތަކުގައި އެކި ގޮތްގޮތަށް ދަނީ ދެކެވެމުންނެވެ. ފަހަކަށް އައިސް އެކިއެކި ހަފުލަތާއި ރަސްމިއްޔާތުތަކުން އޮބާމާ އާއި މިޝެލް އެކީގައި ފެނިވަޑައިނުގަންނަވާތީ އެ ދެ ބޭފުޅުންގެ ގުޅުން މިހާރު ރަނގަޅު ނޫން ކަމަށް ބުނެ ދެކެވާ ވާހަކަތައް ދަނީ އިތުރުވަމުންނެވެ.
Happy birthday to the love of my life, @MichelleObama. You fill every room with warmth, wisdom, humor, and grace – and you look good doing it. I’m so lucky to be able to take on life's adventures with you. Love you! pic.twitter.com/WTrvxlNVa4
— Barack Obama (@BarackObama) January 17, 2025
އެގޮތުން މި މަހުގެ 20 ގައި އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕް ހުވާ ކުރެއްވި ރަސްމިއްޔާތާއި ދާދި ފަހުން އަވަހާރަވި ކުރީގެ ރައީސް ޖިމީ ކާޓާގެ ޖަނާޒާގައި ވެސް އޮބާމާ އެކު މިޝެލް ފެނިފައި ނުވާކަން އެކި ފަރާތްތަކުން ފާހަކޮށްފައިވެ އެވެ.
މިއާ އެކު އެ ދެ ކަނބަލުންގެ ވަރީގެ ވާހަކަ ހޫނުކޮށް ބައެއް މީޑިއާތަކުގައި ދެކެވެމުން ދިޔަ ނަމަވެސް އެކަމާ ގުޅޭ ގޮތުން ރަސްމީކޮށް އެއްވެސް ވާހަކައެއް ދައްކަވާފައެއް ނުވެ އެވެ. ވަރީގެ ވާހަކަ ދެކެވެމުން ދަނިކޮށް އޮބާމާ މިޝެލްއާ އެކީ ނަންގަވާފައިވާ ފޮޓޯއަކާ އެކު މި މަހުގެ 17 ގައި މިޝެލް އަށް އުފަން ދުވަހުގެ ތަހުނިޔާއާ އެކު ވަރަށް ލޯބިވާ ކަމަށް ވިދާޅުވެ، ސޯޝަލް މީޑިއާގައި ޕޯސްޓެއް ވެސް ކުރައްވާފައިވެ އެވެ. އަދި ފިރިކަލުން ދެކެ ވަރަށް ލޯބިވާ ކަމަށް ވިދާޅުވެ، މިޝެލް އެ ޕޯސްޓް ރީޕޯސްޓް ވެސް ކުރައްވާފައިވެ އެވެ.
Love you, honey! ❤️😘 https://t.co/fiQaCYmQ02
— Michelle Obama (@MichelleObama) January 17, 2025
އެހެންވެ މީޑިއާތަކުގައި އަޑު ފެތުރިފައިވާ ގޮތަށް އޮބާމާާ އާއި މިޝެލްގެ ވަރީގެ ވާހަކަ އެއްވެސް ހަގީގަތެއް ނެތް "ހިޔާލީ ވާހަކައެއް" ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
ނަމަވެސް މި ދަނޑިވަޅުގައި އެންމެ ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ އޮބާމާއާ ހޮލީވުޑްގެ ބަތަލާއަކާ ވެސް އަޅުވާކިޔަމުންދާ ކަމެވެ. އެއީ މަޝްހޫރު ސިލްސިލާ "ފްރެންޑްސް" ގެ ބަތަލާ ޖެނިފާ އެނިސްޓަނެވެ. އޭނަ އާއި އޮބާމާ އަޅުވާކިޔުމުގެ ވާހަކަ މިދިޔަ އަހަރުން ފެށިގެން ދެކެވެމުން އަންނަ އިރު، އެނިސްޓަން ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި "ޖިމީ ކިމެލް ލައިވް!" ޝޯގައި އެ ވާހަކަ ދޮގުކޮށްފަ އެވެ.
އެ ވާހަކަ ޖޯކަކަށް ހަދާފައި 55 އަހަރުގެ ބަތަލާ ބުނީ އޮބާމާއާ މެދު އެއްވެސް އިރެއްގައި އެފަދަ ނަޒަރަކުން ދެކެފައި ވެސް ނުވާ ކަމަށެވެ. އަދި މިހާތަނަށް ރަސްމީކޮށް އޮބާމާއާ ދިމާވީ ވެސް 2007 ގައި އެކަނި ކަމަށް އެނިސްޓަން ބުންޏެވެ. އެކަމަކު މިޝެލް އަކީ ވަރަށް ރަނގަޅަށް ދަންނަ މީހެއް ކަމަށް އޭނަ ބުންޏެވެ.
"ބަޔަކު ކޮންމެ ފަދަ ވާހަކައެއް ވެސް ހަދައިގެން ދައްކަފާނެ." އެނިސްޓަން ބުންޏެވެ.
Jennifer Aniston with Michelle Obama #jenniferaniston pic.twitter.com/8zkb1FylYC
— Jennifer Aniston Fan (@jenanistonblog) January 18, 2025
އެނިސްޓަން އަކީ ކުރިން ހޮލީވުޑްގެ މަޝްހޫރު ދެ ތަރިއަކާ ކައިވެނިކޮށްފައިވާ ބަތަލާއެކެވެ. އެއީ ބްރެޑް ޕިޓާއި ޖަސްޓިން ތެރޯޒް އެވެ. އެނިސްޓަނާއި ޕިޓް 2000 ވަނަ އަހަރު ކުރި ކައިވެނި ރޫޅައިލީ 2005 ގަ އެވެ. އަދި އެނިސްޓަނާއި ޖަސްޓިން 2015 ގައި ކުރި ކައިވެނި ރޫޅައިލީ 2017 ގަ އެވެ.
ދެ ކައިވެނިން ވެސް އެނިސްޓަނަށް ދަރިޔަކު ލިބިފައެއް ނުވެ އެވެ.