ރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތަށް ނެޝަނަލް ޕްލޭނިން ސްޕެޝަލިސްޓެއް ހޯދަން އިއުލާންކޮށްފި އެެވެ.
އެ މަގާމުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގައި ޢަމަލީ މަސައްކަތްތައް އިސްކޮށް ހިންގުމާއި ކޯޑިނޭޓްކުރުން ހިމެނެ އެވެ.
އެ މިނިސްޓްރީން ބުނީ މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓް ގައި ޝާއިޢުކޮށްފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) އިން ލިބެން ހުންނާނެކަމަށެވެ.
ނެޝަނަލް ޕްލޭނިން ސްޕެޝަލިސްޓްގެ މަގާމަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ މި މަހުގެ 30 އާ ހަމައަށެވެ.
މިދިޔަ މަހުގެ ތެރޭގައި މި ޕްލޭން އެކުލަވާލުމުގެ މަސައްކަތްކޮށްދޭނެ ލޯކަލް ކޮންސަލްޓެންސީ ފާމެއް ހޯދަން ވެސް އިއުލާންކުރި އެވެ.
މި މަސައްކަތުގެ މަގުސަދަކީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ދެމެހެއްޓެނިވި އިގުތިސާދީ، އިޖުތިމާއީ، ތިމާވެށި އަދި އާބަން ޑިވެލޮޕްމަންޓް ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމެވެ. މި ޕްލޭންގައި ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭން ފައިދާ ހުރި ގޮތެއްގައި ތަންފީޒު ކުރުމާއި މޮނިޓާކުރުމާއި އިވެލުއޭޓްކުރެވޭނެ ނިޒާމު ހިމަނަން ވާނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.
ރާއްޖޭގެ 20 އަހަރުގެ ތަރައްގީގެ ގައުމީ ޕްލޭނަކީ ޔޫއެންޑީޕީ އާއި އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި އެއް އަހަރުގެ ދުވަހުގެ ތެރޭގައި އެކުލަވާލައިި ނިންމަން އަމާޒު ހިފާފައިވާ ޕްލޭނެކެވެ. މި ޕްލޭން އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ގާނޫނީ ބާރުވެރިކަން ހޯދުމަށް ގައުމީ ތަރައްގީގެ ގާނޫނުގެ ބިލެއް އެކުލަވާލައި، އެ ޕްލޭން ދެމެހެއްޓިނިވި ގޮތެއްގައި ތަންފީޒު ކުރުމަށް ބޭނުންވާ އިތުރު ބާރުވެރިކަން ހޯދުމަށް ގާނޫނުއަސާސީ އަށް މާއްދާއެއް އިތުރު ކުރުމަށް ވެސް ހަމަޖެހިފައިވެ އެވެ.
ޕްލޭންގެ މަސައްކަތް ފެށުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 6 ގައި ބައްދަލުވުމެއް ވެސް ބޭއްވި އެވެ. ގައުމީ ތަރައްގީގެ 20 އަހަރުގެ ޕްލޭނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.